ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ (އީ.އީ.ޒެޑް) ކުރީގެ ސަރުކާރުން ދޫކޮށްލި ސަރަޙައްދު ހިމެނޭހެން، ރާއްޖޭގެ ޤާނޫނުގައި ކަނޑައަޅާފައިވާ ފުރިހަމަ ސަރަޙައްދު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާންކުރައްވައިފިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަޙައްދުން ބޮޑު ބައެއް ގެއްލޭގޮތަށް ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނާބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ނިންމި ނިންމުމަކީ ދިވެހި ދައުލަތުން ޤަބޫލުކުރާނެ ނިންމުމެއް ނޫން ކަމަށެވެ. އަދި ދިވެހިންގެ ބިމުންނާއި ކަނޑުން ޒައްރެއްގެ މިންވަރުވެސް ދޫކޮށްލުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫންކަމަށް ބަޔާންކުރެއްވިއެވެ.

Ad
rt

ރައީސް ވިދާޅުވި ގޮތުގައި، ފާއިތުވި ސަރުކާރުން މޮރިޝަސްއާ ފުށުއަރާ ކަމަށް ބުނެ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ދޫކޮށްލުމަށް ނިންމި ނިންމުން ދިރާސާކުރުމަށް، 19 ނޮވެމްބަރު 2023 ގައި ބަންޑާރަނައިބަށް ވަނީ އަންގަވާފައެވެ. އެއާއެކު، ބައިނަލްއަޤްވާމީ މާހިރުންގެ ލަފާގެ މައްޗަށް ބިނާކޮށް އެކުލަވާލި ރިޕޯޓުތައް 22 ޖެނުއަރީ 2026 ގައި ބަންޑާރަނައިބު ވަނީ ރައީސަށް ހުށަހަޅުއްވާފައެވެ.

މި މައްސަލައާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު، ރާއްޖޭގެ ކަނޑުން ދޫކޮށްލި ބައި އަނބުރާ ހޯދުމަށް ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 22 އޯގަސްޓް 2022 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތީ ސަރަޙައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާކަމަށް ބައިނަލްއަޤްވާމީ މާހިރުން ލަފާދެއްވާފައިވޭ. އެހެންކަމުން، ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުގައި އެ ސިޓީ އަނބުރާ ގެންނަން ނިންމިކަން ދިވެހި ދައުލަތާއި ލޮބުވެތި އެންމެހާ ދިވެހި ރައްޔިތުންގެ ހައްގުގައި ތިޔަ އިއްޒަތްތެރި މަޖިލިސް މެމްބަރުން ކުރިފުޅުމަތީ އަޅުގަނޑު އިއުލާންކުރަން ،" ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކުރިފުޅުމަތީގައި ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ކަނޑުގެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ، ކުރިން ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭގޮތަށް ޤާނޫނުގައި މިހާރުވެސް ކަނޑައަޅާފައިވާ ފުރިހަމަ ސަރަޙައްދު ކަމަށް ރައީސް ވަނީ ޢިއުލާން ކުރަށްވާފައެވެ.

''މީގެ އިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭގޮތަށް ގާނޫނުގައި މިހާރުވެސް ކަނޑައަޅާފައިވާ ސަރަހައްދުކަަމަށް ނިންމައި ތިޔަ އިއްޒަތްތެރި މެމްބަރުންގެ ހާޒިރުގައި އެކަން ޢިއުލާންކުރަން'' ރައީސް ވިދާޅުވެފަވެއެވެ.

ޤާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިޞްލާޙަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު އިޞްލާޙުކުރުމަށް މަޖިލީހަށް ފޮނުއްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވިއެވެ.