ފޯޅަވައްސާއި ރާއްޖެއާ ދެމެދު ސިޔާދަތީ ގުޅުންތަކެއް އޮތްކަން ކަށަވަރުވާތީ، އެ ރަށްތަކުގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން އިއުތިރާޒުކޮށް، ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ފޯޅަވައްސަކީ އެއްވެސް އިސްތިއުމާރީ ބާރެއް މި ސަރަހައްދަށް އައުމުގެ އެތައް ގަރުނެއް ކުރިއްސުރެ ދިވެހިން ދަންނަ، އަދި ދިވެހި ކާބަފައިން އެތަނަށް ނަންކިޔަމުން އައިސްފައިވާ ދިވެހިރާއްޖޭގެ ގުދުރަތީ ސަރަހައްދުގައި ހިމެނޭ ތަނެއް ކަމަށެވެ. އަދި ދިވެހި ތާރީޚީ ފޮތްތަކާއި ރަސްމީ ލިޔުންތަކުގައި ދިވެހި ރަސްކަމުގެ އިގްތިސޯދީ ސަރަހައްދުގެ ތެރޭގައި ފޯޅަވަހި ހިމަނާފައިވާކަން ކަށަވަރުވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
''ދިވެހިންގެ ދޫދޫމަތިން ފޯޅަވައްސާބެހޭ ހަގީގަތްތައް މިއަދާއި ހަމައަށް ނަގުލުވަމުން އައިސްފައިވޭ، ދިވެހި ދައުލަތުގެ ރަސްމީ ލިޔުންތަކުގައި ދިވެހި ރަސްކަމުގެ އިގްތިސޯދީ ސަރަހައްދުގެ ތެރޭގައި ފޯޅަވަހި ހިމަނާފައިވާކަން ތާރީޚުން ކަށަވަރުވޭ. މިކަންކަމާއެކު ފޯޅަވަހީގެ އަތޮޅު ތަކަކީ ދިވެހި މަސްވެރިން ދުވަހުން ދުވަހަށް ފަސޭހަކަމާއެކު އެ ސަރަހައްދަށް މަހަށް ނުކުމެތިބީ ދިވެހިންގެ މަސްވެރިކަމާއި ސަގާފަތުގެ ބައެއް'' ރައީސް ވިދާޅުވިއެވެ
މިފަދަ އެތައް ސަބަބުތަކަކާ ހުރެ ފޯޅަވައްސާއި ރާއްޖެއާ ދެމެދު ސިޔާދަތީ ގުޅުންތަކެއް އޮތްކަން ކަށަވަރުވާތީ، މޮރިޝަސްއަށް އެ ރަށްތައް ދިނުމަށް ނިންމި ނިންމުމަށް ދިވެހި ދައުލަތުން އިއުތިރާޒުކުރާކަން ރައީސް ވަނީ ހާމަކުރަށްވާފައެވެ.
މި މައްސަލައިގައި ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރަށް 8 ނޮވެމްބަރު 2024 ގައާއި 18 ޖެނުއަރީ 2026 ގައި ލިޔުމުން ހުށަހަޅާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މީގެ އިތުރުން، 15 ޑިސެމްބަރު 2025 ގައި އިނގިރޭސިވިލާތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ޑޭވިޑް ލެމީއާ އެކު ބޭއްވި ފޯނުކޯލެއްގައިވެސް މިކަން ސަމާލުކަމަށް ގެނެސް، އިތުރަށް މަޝްވަރާކުރަން ބޭނުންވާކަން ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ބަޔާނުގައި ވިދާޅުވީ، ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ބަދަލުކުރުމާ ގުޅޭގޮތުން ބައިނަލްއަގްވާމީ މައިދާނުގައި އެއްވެސް ގައުމަކުން ވާހަކަދައްކާނަމަ، ރާއްޖޭގެ ކަންބޮޑުވުންތައް ހިއްސާކޮށް، ދިވެހި ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުމަށް ވަކާލާތު ކުރަމުންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!