އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން "އެޕްސްޓީން ފައިލްސް" ގެ ނަމުން މަޝްހޫރުވެފައިވާ ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް އާންމުކޮށްފައިވާއިރު، އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އަނބިކަނބަލުން މެލަނިއާ ޓްރަމްޕް ބައްދަލުވި ގޮތާ ބެހޭ އާ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.
އާންމުކުރި އެފް.ބީ.އައި ގެ "302" ރިޕޯޓުތަކުގައިވާ ގޮތުން، ހެކިވެރިއަކު ބަޔާން ދެމުން ބުނެފައިވަނީ ޓްރަމްޕްގެ މިހާރުގެ އަނބިކަނބަލުން މެލަނިއާ ނައުސް (މެލަނިއާ ޓްރަމްޕް)، ޑޮނަލްޑް ޓްރަމްޕަށް ތަޢާރަފުކޮށްދިނީ ޖެފްރީ އެޕްސްޓީން ކަމަށެވެ.
އަލަށް ފެންމަތިވި މި ލިޔުމުގައި ބުނާގޮތުން، މި ތަޢާރަފުވުން ގުޅިފައިވަނީ މެލަނިއާގެ ކުރީގެ މޮޑެލިންގ އެޖެންޓް ޕައޮލޯ ޒަމްޕޮލީ އާއި އެޕްސްޓީން ގުޅިގެން "އެލީޓް މޮޑެލް މެނޭޖްމަންޓް" ގަތުމަށް ކުރި މަސައްކަތުގެ ތެރެއިން ހިނގި ވިޔަފާރީގެ މުޢާމަލާތަކާއެވެ. މި މަޢުލޫމާތަކީ އެ ދެބޭފުޅުން ބައްދަލުވިގޮތާމެދު ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހު ޓްރަމްޕްގެ ދެމަފިރިން ދައްކަވަމުން އައި ވާހަކަތަކާއި ފުށުއަރާ ވާހަކަތަކެކެވެ. ޓްރަމްޕްގެ ދެމަފިރިން ބުނަމުން އައިސްފައިވަނީ އެ ދެމީހުން ފުރަތަމަ ބައްދަލުވީ 1998 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނިއުޔޯކްގެ ކިޓް ކެޓް ކްލަބްގައި ބޭއްވި ފެޝަން ވީކް ޕާޓީއެއްގެ ތެރެއިން ކަމަށެވެ. އެ ބައްދަލުވުމުގައި މެދުވެރިއަކަށް ހުރީ ޕައޮލޯ ޒަމްޕޮލީ ކަމަށާއި، އެ ރޭ ޓްރަމްޕް އެހެން މީހަކާއެކު ޑޭޓަކަށް އައިސް ހުރުމުން މެލަނިއާ ފުރަތަމަ އޭނާގެ ނަންބަރު ދޭން އިންކާރުކުރި ކަމަށްވެސް ރަސްމީ ވާހަކަތަކުގައި ބުނެފައިވެއެވެ.
އެފް.ބީ.އައި ގެ ލިޔުމަކީ އަސްލު ލިޔުމެއް ނަމަވެސް، މިއީ ހެކިވެރިއަކު ދީފައިވާ ބަޔާނެއްގެ ޚުލާޞާއެއް ކަމުން، މިއީ ކަނޑައެޅިގެން ސާބިތުވެފައިވާ ޙަޤީޤަތެއްކަން ކަށަވަރެއްނުވެއެވެ. އެފް.ބީ.އައި ނޯޓުތަކުގައި ޕައޮލޯ ޒަމްޕޮލީގެ ނަން ބޭނުންކޮށްފައި އޮތީ ''ޒެމްޕޮލީ'' ގެ ނަމުގައެވެ. މިހެން ލިޔެފައިވުމަކީ، އެއީ ކަށަވަރުނުކުރެވި އޮތް އިންޓަވިއުއަކުން ނަގާފައިވާ ނޯޓުތަކެއްކަމަށް ޓްރަމްޕްގެ ދިފާއުގައި ވާހަކަދައްކާ މީހުން ބުނެއެވެ.
މެލަނިއާ ޓްރަމްޕް ވަނީ އެޕްސްޓީންއާ އެއްވެސް ގުޅުމެއް އޮތްކަމަށް ބުނާ ވާހަކަތައް މީގެ ކުރިންވެސް ވަރަށް ބޮޑަށް ދޮގުކުރައްވާފައެވެ. އޭނާގެ އަމިއްލަ ހަޔާތުގެ މައްޗަށް ލިޔެފައިވާ ފޮތުގައާއި ޤާނޫނީ ބަޔާންތަކުގައި މިފަދަ ތުހުމަތުތައް ދޮގުކޮށްފައިވާއިރު، މިފަދަ ވާހަކަތައް ފަތުރާ ފަރާތްތަކާ ދެކޮޅަށް ބިލިއަނުން ގުނޭ އަދަދުތަކުގެ އަދުލުގެ ދަޢުވާ ކުރާނެކަމުގެ އިންޒާރުވެސް އޭނާގެ ފަރާތުން ވަނީ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!