ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ، އެމެރިކާގެ ކުރީގެ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅުން އޮތް ކަމަށް ބުނާ މައްސަލައެއްގައި، ސްލޮވާކިއާ ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މިރޮސްލާވް ލައިޗަކް އިސްތިއުފާ ދެއްވާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ރޮބަޓް ފީކޯ އިއުލާން ކުރައްވައިފިއެވެ.
ލައިޗަކް އިސްތިއުފާ ދެއްވާފައި މިވަނީ އެޕްސްޓީންއާ ގުޅޭ އާ ލިޔެކިޔުންތަކެއް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އާންމުކުރުމާ ގުޅިގެން އޭނާއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2018 ވަނަ އަހަރު ލައިޗަކް ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު، އަންހެނުންނާ ގުޅޭގޮތުން އެޕްސްޓީންއާ އެކު މެސެޖުތަކެއް ބަދަލުކޮށްފައިވާކަން ވަނީ ހާމަވެފައެވެ.
އެގައުމުގެ ބޮޑުވަޒީރު ރޮބަޓް ފީކޯ ހޮނިހިރު ދުވަހުގެ ރޭ ފޭސްބުކް މެދުވެރިކޮށް ދެއްވި މެސެޖެއްގައި ވިދާޅުވީ، އުމުރުން 62 އަހަރުގެ ލައިޗަކްގެ އިސްތިއުފާ މިހާރު ގަބޫލުކުރައްވާފައިވާ ކަމަށެވެ.
އެޕްސްޓީންއާ އޮތް ގުޅުންތަކާ ގުޅިގެން ލޯޑް މެންޑެލްސަން ލޭބަރ ޕާޓީން އިސްތިއުފާ ދެއްވައިފި
ބޮޑުވަޒީރު ފީކޯ ވިދާޅުވީ، ސަރުކާރަށް މި ގެއްލުނީ ޚާރިޖީ ސިޔާސަތުގެ ދާއިރާއިން އާދަޔާ ހިލާފު ތަޖުރިބާކާރެއް ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކަށް ލައިޗަކް ސާފުކޮށް އިންކާރުކުރައްވާ ކަމަށްވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި މައްސަލައިގައި މީޑިއާތަކުންނާއި އިދިކޮޅު ފަރާތްތަކުން އަމަލުކުރަމުންދާ ގޮތާމެދު ބޮޑުވަޒީރު ވަނީ ފާޑުވިދާޅުވެފައެވެ.
މިރޮސްލާވް ލައިޗަކް އަކީ ސްލޮވާކިއާގެ ސިޔާސީ ދާއިރާގައި ވަރަށް އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2009 އިން 2010 އަށް އަދި 2012 އިން 2020 އަށް އެ ގައުމުގެ ފޮރިން މިނިސްޓަރުކަން ކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައެވެ.
އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީން އަމިއްލައަށް މަރުވީ 2019 ވަނަ އަހަރު، ޖިންސީ ވަގުފާރީގެ ދައުވާތަކެއްގެ ޝަރީއަތް ޖަލުގައި ހުރެ އިންތިޒާރު ކުރަމުންދަނިކޮށެވެ. އޭނާއާ ދުނިޔޭގެ ނުފޫޒުގަދަ ސިޔާސީ ބޭފުޅުންނާއި ވިޔަފާރިވެރިންނާ އޮތް ގުޅުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ބަހުސްތަކާއި ތަހުގީގުތައް ދަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!