14 އަހަރުގެ މެދުކެނޑުމަކަށްފަހު ބަންގްލަދޭޝް އާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރު ބުރާސްފަތި ދުވަހު އަލުން ފަށައިފިއެވެ. މިއީ އިސްލާމީ މި ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި ފަތުރުވެރިކަން ކުރިއެރުވުމަށް ލިބުނު ފުރުސަތެކެވެ.
ޕާކިސްތާނުގެ އެއާޕޯޓްސް އޮތޯރިޓީން ބުނި ގޮތުގައި، ބަންގްލަދޭޝް އިން ފުރި ފްލައިޓް ކަރާޗީ އެއާޕޯޓަށް ޖެއްސީ އެ ގައުމުގެ ގަޑިން ރޭގަނޑު 11:00 ހާއިރުއެވެ. އެ ފްލައިޓަށް މަރުހަބާ ކިޔާފައިވަނީ ސަގާފީ "ވޯޓާ ސަލިއުޓް" އަކުންނެވެ. މީގެ އިތުރުން އޮފިޝަލުން ވަނީ ފަސިންޖަރުންނާއި ކްރޫއިންނަށް ވެސް މަރުހަބާ ކިޔާފައެވެ.
"ޕާކިސްތާނާއި ބަންގްލަދޭޝްގެ އެކުވެރިކަމުގެ އާ ބާބެއް! 14 އަހަރަށްފަހު ވައިގެ މަގުން ގުޅާލެވިއްޖެ. ކަރާޗީ އެއާޕޯޓުގައި ވަނީ މަތީ ފަންތީގެ މަރުހަބާ ކިޔުމުގެ ރަސްމިއްޔާތެއް ބާއްވާފައި،" އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައިވެއެވެ.
މީގެ ކުރިން ބީމާން ބަންގްލަދޭޝް އެއާލައިންސް އިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ޑާކާ-ކަރާޗީ-ޑާކާ ރޫޓުގެ ސީދާ ދަތުރުތައް ފަށާފައިވަނީ ފުރަތަމަ ފްލައިޓް BG-341، އެ ގައުމުގެ ގަޑިން ރޭގަނޑު 8:00 ގައި ޑާކާ އިން ކަރާޗީއަށް ފުރުމާއެކު ކަމަށެވެ.
ދަތުރުތައް އަލުން ފެށުމުގެ ރަސްމިއްޔާތުގައި އެޑްވައިޒަރ އެޓް ދަ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް، ޝެއިޚް ބަޝީރުއްދީން ވާހަކަދެއްކެވިއެވެ. މި ރަސްމިއްޔާތުގައި ޕާކިސްތާނުން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު އިމްރާން ހައިދަރާއި، ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗެއާމަން އެއާ ވައިސް މާޝަލް މުހައްމަދު މުސްތަފާ މަހްމޫދު ސިއްދީގު ބައިވެރިވެވަޑައިގެންނެވިއެވެ.
ވިންޓަރ ޝެޑިއުލްގެ ދަށުން ކުރިއަށްގެންދާ މި ނޮން-ސްޓޮޕް ދަތުރުތައް ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހަކު އޮންނާނެއެވެ.
ސީދާ ދަތުރުތައް މެދުކަނޑާލީ 2012 ވަނަ އަހަރު އޭރުގެ ޝެއިޚް ހަސީނާގެ ސަރުކާރުން "ސަލާމަތީ" ސަބަބުތަކަށްޓަކައެވެ.
އޮގަސްޓް 2024 ގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހަސީނާ މަގާމުން ދުރުވެ، އިންޑިއާއަށް ފިލައިގެން ދިއުމާ ގުޅިގެން، ދެކުނު އޭޝިއާގެ މި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަނީ އަލުން އާވާން ފަށާފައެވެ.
ދިގު މުއްދަތަކަށް ކުރެވުނު މަޝްވަރާތަކާއި، ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދުތަކުން ކުރި ޒިޔާރަތްތަކަށްފަހު، ދަތުރުތައް އަލުން ފެށުމަށް ނިންމީ މީގެ މަދު މަސްތަކެއް ކުރިންނެވެ. މީގެ ތެރޭގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު އިޝާގް ދާރު ކުރެއްވި ޒިޔާރަތް ހިމެނެއެވެ.
އިޝާގް ދާރުގެ މި ޒިޔާރަތަކީ ފާއިތުވި 13 އަހަރު ތެރޭގައި ޕާކިސްތާނުގެ މަތީ ފަންތީގެ އޮފިޝަލަކު ބަންގްލަދޭޝްއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. ބަންގްލަދޭޝް ޕާކިސްތާނުން ވަކިވެ މިނިވަންވީ 1971 ވަނަ އަހަރު ކުރެވުނު މިނިވަންކަމުގެ ހަނގުރާމައަށްފަހުއެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ބަންގްލަދޭޝްއިން ވަނީ 1971 ގެ ފަހުން ފުރަތަމަ ފަހަރަށް ޕާކިސްތާނުގެ އޮފިޝަލުންނަށް ވިސާ ނެތި އެތެރެވުމުގެ ހުއްދަ ދީފައެވެ. ހަމައެއާއެކު، ޕާކިސްތާނުން ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގެ ދަރިވަރުންނަށް 500 ސްކޮލަޝިޕް ދިނުމަށާއި، ބަންގްލަދޭޝްގެ 100 ސިވިލް ސާވަންޓުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ނިންމާފައެވެ.
ޑާކާ އާއި ކަރާޗީއާ ދެމެދު އޮންނަ 1,471 މޭލުގެ މި ރޫޓުގައި ބޭނުންކުރާނީ 162 ސީޓުގެ ބޮއިންގް 737 މަރުކާގެ ބޯޓެކެވެ. މި ދަތުރަށް ހޭދަވާނީ ގާތްގަނޑަކަށް ތިން ގަޑިއިރެވެ.
މީގެ ކުރިން ދަތުރުވެރިންނަށް ޖެހެނީ މެދުއިރުމަތީގެ ގައުމުތައް މެދުވެރިކޮށް ދަތުރުކުރާށެވެ. މީގެ ސަބަބުން ދަތުރުގެ ވަގުތު އިތުރުވެ، ޚަރަދު ވެސް ބޮޑުވެއެވެ.
ބީމާން ބަންގްލަދޭޝް އެއާލައިންސްގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު ބޮސްރާ އިސްލާމް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުރަތަމަ ފްލައިޓުގެ ހުރިހާ ޓިކެޓެއް ވިކިފައިވާ ކަމަށާއި، ދެވަނަ ފްލައިޓުގެ 80 އިންސައްތައަށްވުރެ ގިނަ ސީޓު މިހާރުވެސް ބުކް ކުރެވިފައިވާ ކަމަށެވެ.
އޮފިޝަލް އުންމީދު ފާޅުކުރެއްވި ގޮތުގައި، މި ދަތުރުތައް އަލުން ފެށުމުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެ، ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާއިން އާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!