ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ ހޯދައިދިން ޓީމުގައި މުހިންމު ދައުރެއް އަދާކުރި ހދ. ނައިވާދޫ ކުޅުންތެރިން ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯނުގައި ވާދަކުރާ ރަށު ޓީމާއި ގުޅުމަކީ ހދ. ފުޓްސަލް ކިންގަށް ލިބިގެންދާނެ އިތުރު ހިތްވަރެކެވެ.
ނައިވާދޫ ވަނީ 22 ޖެނުއަރީ 2025 ގައި ކުޅުނު ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅު ފައިނަލްގައި 4-2 އިން ނޮޅިވަރަންފަރު ބަލިކޮށް، 8 ވަނަ ފަހަރަށް މި މުބާރާތުގެ ތަށި ހޯދައި ހދ. ފުޓްސަލް ކިންގްގެ މަގާމު ދަމަހައްޓާފައެވެ.
މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މުޅި ރާއްޖޭގެ ފައިނަލްގައި ވެސް އެއްކޮޅުން ކުޅުނު ނައިވާދޫ މިފަހަރު އަތޮޅު ތަށި ހޯދިއިރު އެ ޓީމުގެ މުހިންމު ތިން ކުޅުންތެރިންކަމަށްވާ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި ގޯލްކީޕަރ ނާޖިހް ތިބީ ގައުމަށް ފަޚުރު ހޯދައިދިނުމަށް ތައިލެންޑުގެ ނޮންތަބުރީގައި ކުޅެމުންދިޔަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ގައުމީޓީމަށް ކުޅެން ގޮހެވެ. ގައުމީ ޓީމުން ވަނީ ކުޅުނު ހަ މެޗުން ވެސް މޮޅުވެ އެ މުބާރާތުގެ ތަށި ރާއްޖެއަށް ހޯދައިދީފައެވެ. މި ތަށި ހޯދައިދިނުމުގައި ޝާއްޕެއާއި އައްމަޑޭގެ ލަނޑުތަކާއި މޮޅު ކުޅުން ވަނީ ފެނިގެން ގޮސްފައެވެ.
ނައިވާދޫގެ އައްމަޑޭ ސާފް ފުޓްސަލް މުބާރާތުގައި ކުޅެނީ، ފޮޓޯ: ސާފް
ޒޯން ބުރުގައި ނައިވާދޫން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ހއ. ކެލަޔާއި ދެކޮޅަށް ނުކުންނައިރު، ގައުމީ ޓީމަށް ކުޅެންދިޔަ ނައިވާދޫ ކުޅުންތެރިން މި މަހުގެ 29 ވަނަ ދުވަހު ނޮޅިވަރަންފަރާއެކު ކުޅޭ މެޗުން ފެށިގެން ރަށު ޓީމާ ގުޅޭނެއެވެ. މިއާއެކު މިދިޔަ އަހަރު މުޅި މުބާރާތުގެ ރަނަރަޕްޓީމަށް މުޅިން އައު ޖޯޝެއް ލިބިގެންދާނެއެވެ.
ނައިވާދޫގެ ޝާއްޕެ ގައުމީ ފުޓްސަލް ޓީމަށް ގޯލެއް ޖަހައިދިނުމަށްފަހު، ފޮޓޯ: ސާފް
ނައިވާދޫ ޓީމުން ޒޯނު ބުރަށް ނުކުންނައިރު، އެޓީމުން އަންނަނީ އަތޮޅު މުބާރާތުގައި މޮޅު ކުޅުމެއްދައްކައި މެޗަކުން ބަލިނުވެ ރެކޯޑު ދަމަހައްޓަމުންނެވެ.
ނައިވާދޫ ވަނީ މި މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން 2016، 2018، 2019، 2022، 2023، 2024، 2025 އަދި 2026 ގައި ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!