ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިދިޔަ ޑިސެމްބަރު މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 54،002،067.27 ރުފިޔާ ހޭދަކޮށްފިއެވެ.
އެންސްޕާއިން މިރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 54،002،067.27 ރުފިޔާ ޚަރަދުކޮށްފައިވާއިރު ރާއްޖެއިން ފަރުވާކުރުމަށް 35،073،224.96 ރުފިޔާގެ އެހީ ވަނީ ދީފައެވެ. އަދި ރާއްޖެއިން ބޭރުން ބޭސްކުރުމަށް 18،828،841.31 ރުފިޔާގެ އެހީ ވަނީ ދީފައެވެ.
ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ޑިސެމްބަރު މަހު އެހީ ހަމަޖައްސައިދީފައިވާގޮތަށް ބަލާއިރު، 473 ކޭހަކަށް 6،392،141.74 ރުފިޔާ ވަނީ ހަމަޖައްސައިދީފައެވެ. އެއީ ޓްރީޓޮޕް ހޮސްޕިޓަލަށް 302 ކޭހަކަށް 3.5 މިލިއަން ރުފިޔާ އަދި އޭޑީކޭ ހޮސްޕިޓަލަށް 171 ކޭހަކަށް 2.9 މިލިއަން ރުފިޔާ ވަނީ ހަވާލުކޮށްފައެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާހޯދި މީހުންގެ ތެރެއިން އެންމެ ބޮޑު އެހީ އެއް ދީފައި ވަނީ ވިހެއުމާގުޅޭ ޚަރަދުތަކަށެވެ. އެއީ 80 ކޭހަކަށް 1 މިލިއަން ރުފިޔާއެވެ. ދެވަނަ އަށް އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ ކަށީގެ ބަލިތަކުގެ ޚަރަދަށެވެ. އެއީ 38 ކޭހަކަށް 704،399 ރުފިޔާއެވެ. ތިން ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ އަންހެނުންގެ ބަލިތަކާގުޅޭ ޚަރަދު ތަކަށެވެ. އެއީ 23 ކޭހަކަށް 283،268.96 ރުފިޔާއެވެ.
އޭޑީކޭ އިން ފަރުވާ ހޯދި މީހުންނަށް ދިން އެހީން އެންމެ ބޮޑު އެހީ އެއް ދީފައި ވަނީ މައިބަދައާއި ނާރުގެ ބަލިތަކަށެވެ. އެއީ 14 ކޭހަކަށް 606،194 ރުފިޔާއެވެ. ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކަށީގެ ބަލިތަކަށް 25 ކޭހަކަށް 570،304 ރުފިޔާ އަދި ތިން ވަނައަށް ވިހެއުމާ ގުޅޭ 35 ކޭހެއްގެ ޚަރަދުތަކަށް 386،947 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!