ނިއުޔޯކުގެ މޭޔަރުކަމުގެ މަޤާމަށް އިންތިޚާބުވި ޒޯހްރާން މަމްދާނީ، އެ މަޤާމުގެ ހުވާ ބުރާސްފަތި ދުވަހު ކުރައްވައިފިއެވެ. މިއީ ނިއުޔޯކުގެ މޭޔަރަކު ހުވާކުރެއްވުމަށް ކީރިތި ޤުރުއާން ބޭނުންކުރެއްވި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ އެންމެ ބޮޑު ސިޓީގެ މޭޔަރުކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ މުސްލިމް އަދި ދެކުނު އޭޝިއާ ދަރިކޮޅުގެ ބޭފުޅާގެ ގޮތުގައި ތާރީޚުން ޖާގަ ހޯއްދެވި މަމްދާނީ، މި ރަސްމިއްޔާތުގައި ބޭނުންކުރެއްވީ އޭނާގެ ކާފަ ގެންގުޅުނު ހަތިމަކާއި ނިއުޔޯކް ޕަބްލިކް ލައިބްރަރީން ނެންގެވި 200 އަހަރުވީ ޤުރުއާންގެ ކޮޕީއެކެވެ.
މި ޚާއްޞަ ރަސްމިއްޔާތު ބާއްވާފައިވަނީ ޓައިމްސް ސްކޮޔަރގެ އަޑީގައިވާ ބޭނުންކުރުން ހުއްޓާލާފައިވާ ސަބްވޭ ސްޓޭޝަނެއްގައެވެ.
މީގެ އިތުރުން ހުކުރު ދުވަހު ސިޓީ ހޯލުގައި ބާއްވާ ރަސްމިއްޔާތުގައި އޭނާގެ ކާފައާއި މާމަގެ ގެންގުޅުނު ދެ ހަތިމު ބޭނުންކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ލައިބްރަރީން ގެނައި ތާރީޚީ ޤުރުއާނަކީ ކަޅު ނަސްލުގެ މުފައްކިރެއް ކަމަށްވާ އާޓޫރޯ ޝޮމްބާގްގެ މިލްކެކެވެ. އޭނާ ވަނީ 1926 ވަނަ އަހަރު އޭނާގެ އަތުގައި ހުރި 4000 ފޮތް ލައިބްރަރީއަށް ވިއްކާލާފައެވެ. ޕިއެރްޓޯ ރިކޯއަށް އުފަން ޝޮމްބާގަކީ 1920 އާއި 1930 ގެ އަހަރުތަކުގައި ނިއުޔޯކުގެ ކަޅު ނަސްލުގެ މީހުންގެ މެދުގައި އުފެދުނު ސަގާފީ އަދި ފިކުރީ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
މަމްދާނީގެ ކެމްޕޭނުގައި އޭނާގެ ދީނާއި، ޔުގެންޑާއަށް އުފަން ދެކުނު އޭޝިއާ ދަރިކޮޅުގެ ފަސްގަނޑަށް ބޮޑު ސަމާލުކަމެއް ދީފައިވެއެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯތަކުގައި އޭނާ ވަނީ ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށްފަހު އެމެރިކާގައި އިސްލާމްދީނާ މެދު އުފެދުނު ނަފްރަތުގެ އަސަރުތަކާ މެދު ވާހަކަދައްކަވާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާ މެދު އިސްރާއީލުން ގެންގުޅޭ ސިޔާސަތުތަކަށާއި ގާޒާގައި ހިންގާ ގަތުލުއާންމަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މަމްދާނީގެ ސިޔާސީ ފިކުރާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އޭނާ ވިދާޅުވެފައިވަނީ އޭނާގެ އަސްލާއި، ދީނާއި، އުޅުމަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. އަދި މީގެ ފަހުން އޭނާ ފެންނާނީ އަނދިރީގެ ތެރެއިން ނޫން ކަމަށާއި، އޭނާގެ އަސްލު ސިފަ އަލިކަމުގެ ތެރެއިން ހާމަކުރައްވާނެ ކަމަށް މަމްދާނީ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!