އަންނަ ރޯދަ މަހުގެ 27 ވިލޭރޭ ރާއްޖޭގައި އަލަށް 30 ހާފިޒުން ދަސްވެނިވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ ރާއްޖޭގައި ހާފިޒުން އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، 2025 ވަނަ އަހަރުގެ މިހާތަނަށް 21 ކުއްޖަކު ވަނީ ކީރިތި ޤުރުއާން ހިތުދަސްކޮށް ނިންމައި، ހާފިޒުކަމުގެ އިމްތިހާން ފުރިހަމަކޮށްފައެވެ.
މީގެ އިތުރުން މިހާރު ވެސް 7 ކުއްޖެއްގެ އިމްތިހާނު ކުރިއަށްދާއިރު، އެއް ކުއްޖަކު އިމްތިހާނަށް ތައްޔާރުވަމުންދާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ. މިއީ މިދިޔަ އަހަރާ ބަލާފަ އިތުރު އަދަދެއް،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން އެ ރޭ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި 42 ހާފިޒަކު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑަލް ހާސިލްކުރާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ހާފިޒުން އުފެއްދުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، ސަރުކާރުން ވަނީ މިދިޔަ ޖޫން މަހުން ފެށިގެން ހާފިޒުންނަށް ދޭ އެލަވަންސް ވެސް ބޮޑުކޮށްދީފައެވެ. މި ފިޔަވަޅަކީ ރާއްޖޭގައި ޤުރުއާން އުނގަންނައިދިނުމާއި ހިތުދަސްކުރާ މީހުންގެ އަދަދު އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!