ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މަންޑޭ ބަންދުގައި ބަހައްޓައިގެން 2025 ޑިސެންބަރު 27 ވަނަ ދުވަހުގެ 14:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އޮތީ އަމުރެއް ކޮށްފައެވެ. އެހެންވެ އޭނާ ކޯޓަށް ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް ފުލުހުން އޮތީ ކުރިން ބުނެފައެވެ.

Ad
rt

ކްރިމިނަލް ކޯޓުގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އެދުވަހުގެ އަޑުއެހުން މާތްﷲއަށްޓަކައި ވެސް ފަސްކުރަން މަންޑޭގެ ފަރާތުން އެދި ސިޓީއެއް ފޮނުވި ކަމަށެވެ. އެކަމަކު ޝަރީއަތް އޮންނާނެކަން އޭނާއަށް އެންގުމުން ވެސް ހާޒިރުނުވި ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި ކޯޓަށް ހާޒިރުނުވާ މީހުންނާ މެދު އަމަލުކުރާ އުސޫލުން މަންޑޭއާ މެދު އަމަލުކުރާނެ އެވެ.

މިދިޔަ ޖޫން މަހު ވެސް މަންޑޭ ކޯޓަށް ހާޒިރު ނުވާތީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރި ނަމަވެސް ފަހުން ކޯޓުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

ކޭ ޕާކް ހަދާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކޮށް މަންޑޭގެ މައްޗަށް މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. އެ މައްސަލާގައި އޭނާގެ އެޕާޓްމެންޓާއި އޭނާގެ އަގު ބޮޑެތި ސާމާނުތަކެއް ފުލުހުން ހިފެހެއްޓި އެވެ.