ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ ތެރޭގައި މައްކާގެ މަސްޖިދުލް ހަރާމްއާއި މަދީނާގެ މަސްޖިދުއްނަބަވީއަށް 68.7 މިލިއަން މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް ހަރަމައިން ޝަރީފައިންގެ ކަންތައްތަކާ ބެހޭ އާންމު އިދާރާއިން ހާމަކޮށްފިއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 2.1 މިލިއަން މީހުންގެ އިތުރުވުމެކެވެ.
އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގާތްގަނޑަކަށް 30 މިލިއަން މީހުން މަސްޖިދުލް ހަރާމަށް ޒިޔާރަތްކުރިއިރު، އޭގެ ތެރެއިން 94,700 މީހުން ހިޖްރު އިސްމާއީލްގައި ނަމާދުކޮށްފައިވެއެވެ. މަސްޖިދުއްނަބަވީއަށް 23.1 މިލިއަން މީހުން ޒިޔާރަތްކުރިއިރު، ރައުޟާ އެތެރޭގައި 1.3 މިލިއަން މީހުން އަޅުކަން އަދާކުރިއެވެ. މީގެ އިތުރުން ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) އާއި އެކަލޭގެފާނުގެ ދެ އެކުވެރިންނަށް ސަލާމް ދެންނެވުމަށް 2.3 މިލިއަން މީހުން ޒިޔާރަތްކުރިއެވެ.
މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއާއި ހަރަމައިން ޝަރީފައިންގެ ކަންތައްތަކާ ބެހޭ އާންމު އިދާރާއިން ހާމަކުރި ގޮތުގައި، ހަމައެކަނި ޖުމާދަލްއާޚިރާ މަހު ސައުދީ އަރަބިއްޔާގެ އެތެރެއާއި ބޭރުން 11.9 މިލިއަނަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކޮށްފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މަހު އެކަނިވެސް ރާއްޖޭން ބޭރުން 1.7 މިލިއަނަށްވުރެ ގިނަ އުމްރާވެރިން އައިސްފައިވެއެވެ. މިއީ ޑިޖިޓަލް ވަސީލަތްތަކާއި ލޮޖިސްޓިކް ހިދުމަތްތަކުގެ ސަބަބުން ދަތުރުފަތުރާއި އަޅުކަން އަދާކުރުމުގެ ކަންކަން ލުއިފަސޭހަވެފައިވާ މިންވަރު އަންގައިދޭ ކަމެކެވެ.
ވިޜަން 2030 ގެ އަމާޒުތައް
އުމްރާވެރިންގެ އަދަދު މިގޮތަށް އިތުރުވަމުންދަނީ ސައުދީގެ 'ވިޜަން 2030' ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހައްޖާއި އުމްރާގެ ނިޒާމު ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. މީގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މުސްލިމުންނަށް ހަރަމައިން ޝަރީފައިންނަށް ވާސިލުވުން ފަސޭހަކޮށްދީ، ރައްކާތެރިކަމާއެކު ރޫހާނީ ތަޖުރިބާއެއް ފޯރުކޮށްދިނުމެވެ.
މިނިސްޓްރީއާއި ކަމާބެހޭ އިދާރާތަކުން ގުޅިގެން ދަނީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ޑިޖިޓަލް ނިޒާމުތައް މެދުވެރިކޮށް އުމްރާވެރިންގެ ދަތުރު އިތުރަށް ފަސޭހަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!