ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން، އޯލް ޓެރެއިން ވެހިކަލް (އޭޓީވީ) ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ ޚާއްސަ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސްއިން ތައާރަފްކޮށްފިއެވެ.

މި ޕްރޮމޯޝަނަކީ ރަށު ފަސްގަނޑުގައި ދުއްވާލުމަށް އެންމެ އެކަށޭނަ އުޅަނދުތައް ކަސްޓަމަރުންނަށް ހަދިޔާކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

Ad
rt

މި ޕްރޮމޯޝަން ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ 20 ޑިސެމްބަރު 2025 އިން ފެށިގެން 31 ޑިސެމްބަރު 2026 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ ހަ ލަކީޑްރޯއެއް ނެގުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ދެ މަހަކުން އެއްފަހަރު ނަގާ މި ގުރުއަތުން ހޮވޭ ނަސީބުވެރި ކަސްޓަމަރަކަށް އޭޓީވީއެއް ލިބޭނެއެވެ. ޕްރޮމޯޝަންގެ އެންމެ ފަހު ގްރޭންޑް ޕްރައިޒް ގުރުއަތުލުން އޮންނާނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހު ދުވަހުއެވެ.

މި ޕްރޮމޯޝަނާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހައްމާދީ ވިދާޅުވީ، "މި ޕްރޮމޯޝަނަކީ ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންގެ ނެޓްވޯކް މެދުވެރިކޮށް ގުޅިފައިވާ ކަސްޓަމަރުންނަށް އިތުރު އިނާޔަތެއް ދިނުމުގެ މަގުޞަދުގައި ކުރިއަށް ގެންދެވޭ ޕްރޮމޯޝަނެއް،" ކަމަށެވެ. އަދި އުރީދޫގެ ހިދުމަތްތައް ބޭނުންކޮށްގެން ރަށު ދިރިއުޅުމަށް އެންމެ އެކަށޭނަ އުޅަނދު ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ މޯބައިލް (ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަރނެޓް، ފަސޭހާ ނުވަތަ 5ޖީ އެއަރފައިބަރ ފަދަ ޚިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ. ގުރުއަތުގައި ބައިވެރިވުމަށްޓަކައި ކޮންމެ ގުރުއަތުލުމެއްގެ 60 ދުވަހުގެ ކުރިން އުރީދޫގެ ހިދުމަތްތަކަށް މަހަކު މަދުވެގެން 400 ރުފިޔާ ހަރަދުކޮށްފައިވާން ޖެހެއެވެ.

މީގެ އިތުރުން، ގުރުއަތުލުން ބާއްވާ ތާރީޚުގައި އެ ކަސްޓަމަރަކީ އުރީދޫގެ ހިދުމަތް އެކްޓިވްކޮށް ބޭނުންކުރާ ފަރާތަކަށް ވާންޖެހޭނެއެވެ. މި ޕްރޮމޯޝަން ފަރުމާކޮށްފައިވަނީ އަލަށް ގުޅޭ ކަސްޓަމަރުންނާއި މިހާރުވެސް އުރީދޫގެ ހިދުމަތް ހޯދަމުންދާ ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭ ގޮތަށެވެ.