މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑުއަހައިގެންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި "ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް" ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ޒުވާނުންނަކީ މިއަދުވެސް އަދި މާދަމާވެސް ޤައުމު ކުރިއެރުވުމުގައި އެންމެ މުހިންމު ބައިވެރިންކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި ޒުވާނުންގެ އަޑުއެހުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގެ ތެރެއިން، ނޭޝަނަލް ޔޫތު ކޮންފަރެންސްގެ ހަ ގްރޫޕަކުން ވަނީ ތަފާތު ހަ ދާއިރާއަކުން ޕްރެޒެންޓޭޝަންތައް ހުށަހަޅާފައެވެ. މި ހުށަހެޅުންތަކާ ގުޅޭގޮތުން ޒުވާނުންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި، ކޮންމެ ދާއިރާއަކުން ޒުވާނުން ހުށަހެޅި ކަންކަމުގައި ސަރުކާރުން ގެންގުޅޭ ވިސްނުންފުޅު ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއްސާކުރައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޤައުމުގެ ކަންކަމުގައި ގޮތް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އިންތިހާއަށް މުހިންމު ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ތާރީޚަށް ބަލާއިރު ހަރުދަނާ ގޮތެއްގައި ޒުވާނުންގެ ބައިވެރިވުން ނެތްކަން ފާހަގަކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑުއަހައިގެން،" ރައީސް ވިދާޅުވިއެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ސަރުކާރުގެ މެނިފެސްޓޯގައި ހިމަނުއްވައިގެން "ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑު" އުފެއްދެވިކަން ރައީސް ފާހަގަކުރެއްވިއެވެ. އެކި ގޮންޖެހުންތަކާއެކުވެސް އެ ބޯޑުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ބޯޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.