މާލެ ސަރަހައްދުގައި ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވުމާ ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ރެޑް އެލާޓް ނެރެފިއެވެ.
ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 170 ގައެވެ.
އެޗްޕީއޭގެ މިންގަނޑުތަކަށް ބަލާއިރު، އެއާ ކޮލިޓީ އިންޑެކްސް 151 އާއި 200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. މިއީ ވައިގެ ނުސާފުކަން އެންމެންނަށް ވެސް ނުރައްކާވާ މިންވަރަށް ހުރި ކަމުގެ ނިޝާނެކެވެ. މި ދަރަޖައަށް ވައި ނުސާފުވުމަކީ ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށާއި ލޭގެ ތެރެއަށް ވިހަ މާއްދާތައް އެތެރެވެ، ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ.
މި ހާލަތާ ގުޅިގެން އެޗްޕީއޭއިން ވަނީ ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި އެން95 މާސްކު އެޅުމަށާއި، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް، ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންގެ އިތުރުން ނޭވާލާ ނިޒާމުގެ ބަލިތަކާއި ހިތުގެ ބަލި ހުންނަ މީހުން ބޭރުގައި އުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށް ވަނީ އެދިފައެވެ.
މާލެ ސަރަހައްދު ރެޑް އެލާޓުގައި އޮތް އިރު، ރާއްޖޭގެ މެދުތެރޭގެ ބައެއް ސަރަހައްދުތައް އޮތީ އޮރެންޖް ސަމާލުގައެވެ. އަދި ބައެއް އެހެން ސަރަހައްދުތަކަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މި ހުރިހާ ސަރަހައްދުތަކެއްގައި ވެސް ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.
ރާއްޖޭގެ ވައި މިދުވަސްވަރު ނުސާފުވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަހައްދުން ވައި ޖެހެމުންދާތީ ކަމަށް ބެލެވެއެވެ. ވައި ސާފު މިންވަރު ބެލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ IQAir ވެބްސައިޓް ނުވަތަ އެޕްލިކޭޝަން ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ ލަފާދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!