އިންޑިއާގެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހު ބޭއްވި 'ލިއޮނަލް މެސީ ގޯޓް އިންޑިއާ ޓުއަރ 2025' އިވެންޓަށް ފަހު ހިނގި ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެން، އެ އިވެންޓްގެ އިންތިޒާމްކުރި ސަތަދްރު ދައްތާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އިވެންޓްގެ އިންތިޒާމްތައް ދެރަކަމަށް ބުނެ އާންމުންގެ ރުޅިވެރިކަން ވަރަށް ބޮޑަށް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

Ad
rt

މި އިވެންޓް ނިމުމާއެކު ހަމަނުޖެހުންތައް ހިނގިތާ ގަޑިއިރުތަކެއް ފަހުން، ކަލްކަތާ ފުލުހުން ވަނީ ދައްތާ އެ ސިޓީން ފުރައިގެން ދިޔަ ނުދިނުމަށް ހުއްޓުވައިފައެވެ. ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިވެންޓްގައި ހިނގި ކަމަށް ބުނާ ނުރަނގަޅު އިންތިޒާމްތަކާ ގުޅިގެން އާންމުންގެ ޝަކުވާތައް ވަރަށް ގިނައެވެ. މީގެ ސަބަބުން އިވެންޓްގެ އިންތިޒާމްތަކާ މެދު ސުވާލު އުފެދި، އިންތިޒާމްކުރި ފަރާތަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

އިންޑިއާގައި މެސީގެ ސަޕޯޓަރުން ރުޅިގަދަވެ ހަމަނުޖެހުން ހިންގައި ސްޓޭޑިއަމަށް ގެއްލުންދީފި

ދައްތާ ހައްޔަރުކުރީ އޭނާ މެސީ އާއި އޭނާގެ އިންޓަރ މިއާމީގެ ޓީމުގެ ކުޅުންތެރިންނާއެކު، އެމީހުންގެ ދެން އޮތް ހައިދަރުއާބާދަށް ކުރާ ދަތުރަށް ފުރުމަށް އެއާޕޯޓްގައި ހުއްޓައެވެ. އޭނާ ހައްޔަރުކުރުމަށް އަންގާފައިވާ އެންގުމާއި އެއްގޮތަށް، ނެތާޖީ ސުބާސް ޗަންދްރާ ބޯސް އިންޓަނޭޝަނަލް އެއާޕޯޓްގެ އިސް އޮފިޝަލުން ވަނީ ވަގުތުން، އޭނާ ބަންދުކޮށް، ފުލުހުންނާ ހަވާލުކޮށްފައެވެ.

އާޖެންޓީނާގެ ކުޅުންތެރިޔާ އަދި އިންޓަރ މިއާމީގެ ފޯވަޑް މެސީ ދެކިލުމަށްޓަކައި 12،000 ރުޕީސް (133 ޑޮލަރު) އާ ހަމައަށް ފައިސާ ދެއްކި ސަޕޯޓަރުންގެ ރުޅިގަދަވި މައިގަނޑު ސަބަބަކީ، މެސީ ދަނޑުމަތީގައި ހުރީ ކުޑަ ވަގުތުކޮޅަކަށް ކަމާއި، އޮފިޝަލުންނާއި މަޝްހޫރު މީހުންގެ ސަބަބުން މެސީ ރަނގަޅަށް ނުފެނުނު ކަމަށް ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުން، މެސީ އެތަނުގައި ހުރީ ގާތްގަނޑަކަށް 20 މިނެޓް ވަންދެނެވެ. އެއަށްފަހު ސެކިއުރިޓީން ވަނީ އޭނާ އަވަހަށް އެތަނުން ފޮނުވާލާފައެވެ.