ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި، އާޖެންޓީނާގެ ލިއޮނަލް މެސީ އިންޑިއާ އަށް މިހާރު ކުރަމުންގެންދާ ދަތުރުގައި ކަލްކަތާގައި އޭނާ ބައިވެރިވި ޕްރޮމޯޝަނަލް ހަރަކާތެއްގައި، އޭނާ އަވަހަށް އެތަނުން ފޮނުވާލުމާ ގުޅިގެން ސަޕޯޓަރުން ރުޅިގަދަވެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ހަމަނުޖެހުން ހިންގައި، ގޮނޑިތަކަށް ގެއްލުންދީ އަދި ދަނޑަށް ފުޅިފަދަ ތަކެތި އުކައިފިއެވެ. މި ހާދިސާގެ ސަބަބުން އިވެންޓަށް ހާޒިރުވި އެތައް ހާސް ސަޕޯޓަރުންނަށް ވަރަށް ބޮޑު ނާއުންމީދެއް ލިބިގެންދިޔައެވެ.

އާޖެންޓީނާގެ ކުޅުންތެރިޔާ އަދި އިންޓަރ މިއާމީގެ ފޯވަޑް މެސީ ދެކިލުމަށްޓަކައި 12،000 ރުޕީސް (133 ޑޮލަރު) އާ ހަމައަށް ފައިސާ ދެއްކި ސަޕޯޓަރުންގެ ޝަކުވާއަކީ، އޭނާ ދަނޑުމަތީގައި ހުރީ ކުޑަ ވަގުތުކޮޅަކަށް ކަމާއި، އޮފިޝަލުންނާއި މަޝްހޫރު މީހުންގެ ސަބަބުން މެސީ ރަނގަޅަށް ނުފެނުނު ކަމެވެ. ރިޕޯޓްތައް ބުނާގޮތުން، މެސީ އެތަނުގައި ހުރީ ގާތްގަނޑަކަށް 20 މިނެޓް ވަންދެނެވެ. އެއަށްފަހު ސެކިއުރިޓީން ވަނީ އޭނާ އަވަހަށް އެތަނުން ފޮނުވާލާފައެވެ.

Ad
rt

މެސީ ފޮނުވާލުމާއެކު އިވެންޓް ނިމިއްޖެކަން އެނގުމާއެކު، ސަޕޯޓަރުންގެ ތެރެއިން ބައެއް މީހުން ވަނީ ރުޅިގަދަވެ ހަމަނުޖެހުން ހިންގަން ފަށާފައެވެ. ލޯކަލް މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި، އެމީހުން ވަނީ ސްޓޭޑިއަމްގެ ގޮނޑިތައް ހަލާކުކޮށް، ޕްލާސްޓިކް ގޮނޑިތަކާއި ފެންފުޅިތައް ދަނޑަށް އުކާލާފައިވެއެވެ. އަދި ބައެއް ސަޕޯޓަރުން ވަނީ ދަނޑުގެ ބައެއް ސަރަހައްދުތަކަށް ވަދެގަނެ، އިތުރު ހަމަނުޖެހުންތައް ވެސް ހިންގާފައެވެ.

މި ހާދިސާއާ ގުޅިގެން ހުޅަނގު ބެންގާލްގެ ޗީފް މިނިސްޓަރު މަމަތާ ބެނަރޖީ ވަނީ ހައިރާންކަން ފާޅުކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ، މިކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތައް ހޯދައި، މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަވަސް ތަހުގީގެއް ހިންގަން ނިންމާފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ، މި އިވެންޓް އިންތިޒާމުކުރި މައި ފަރާތް ހައްޔަރުކޮށްފައިވާ ކަމަށާއި، ޓިކެޓް ގަތް ފަރާތްތަކަށް ފައިސާ އަނބުރާ ދިނުމުގެ ގޮތްތައް ބަލަމުންދާ ކަމަށެވެ. މެސީ މިހާރު އިންޑިއާގައި ހުރީ އޭނާގެ "ގޯޓް" (GOAT) ޓުއާގެ ދަށުން، އެކި ސިޓީތަކުގައި ބާއްވާ ޕްރޮމޯޝަނަލް ހަރަކާތްތަކެއްގައި ބައިވެރިވުމަށެވެ.

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) އިން ވަނީ މިކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ. އެ ފެޑެރޭޝަނުން ބުނީ، މި އިވެންޓަކީ އަމިއްލަ ފަރާތަކުން އިންތިޒާމުކުރި އިވެންޓެއް ކަމަށާއި، ފެޑެރޭޝަނުގެ އެއްވެސް ބައިވެރިވުމެއް މި ހަމަނުޖެހުމުގެ ހާދިސާގައި ނުވާ ކަމަށެވެ.