ބޯހިޔާވަހިކަމުގެ ކުރީގެ ސްކީމްތަކުގެ ދަށުން އެއްކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް، ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ސްކީމް އިޞްލާޙުކުރައްވަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، މާލޭ ސިޓީގެ ހެންވޭރު ރައްޔިތުންނާއެކު ކަލާފާނު ސްކޫލްގައި ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމެއްގައެވެ.

Ad
rt

މާލޭގެ އެހެން އަވަށްތަކާއެކު މީގެ ކުރިން ރައީސް ބޭއްވެވި ބައްދަލުވުންތަކެކޭ އެއްގޮތަށް ރޭގެ ބައްދަލުވުމުގައިވެސް، އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ ގުޅޭގޮތުންނެވެ. އެކަންކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޖުބޫރީ ހާލަތްތަކުގައި ކުރީގެ ސްކީމްތަކަށް ކުރިމަތިލާންޖެހި، އެއް ކޮޓަރީގެ ފްލެޓް ލިބިވަޑައިގެންފައިވާ ފަރާތްތަކަށް، ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ސްކީމް އިޞްލާޙުކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން، ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ކުރިމަތިލުމަށް އޮންނަ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ، މާލޭ ރައްވެއްސެއްގެ ގޮތުގައި ފަސް އަހަރު ހަމަވެފައި އޮތުމަށް އޮންނަ މައްސަލައަށްވެސް އީޖާބީ ޙައްލެއް ހޯއްދަވައިދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން، މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅެމުންދާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް ފްލެޓް ސްކީމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ރައީސް މުޢިއްޒު ވަނީ، އެކި ސަރުކާރުތަކުން، ހުރި ބިމާއި ނެތް ބިމުން ގޯއްޗާއި ފްލެޓް ދޫކުރައްވާފައި ހުރި ގޮތާއި، އެކަންކަމުގައި ނާއިންސާފާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާ ފަރާތްތަކަށް އިންސާފު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ދެއްވާފައެވެ.

ބޯހިޔާވަހިކަމުގެ ދާއިރާއިން ރައްޔިތުންނަށް ވެފައިވާ ވަޢުދުފުޅުތައް ފުއްދަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ރޭ ވެސް އަރުވާފައެވެ.