ސާފުތާހިރުކަމެއްނެތި ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.
ރާއްޖޭގައި އުޅޭ ބިދޭސީން އުޅެނީ ޤަވާޢިދުގެ ތެރޭގައިތޯއާއި، އެމީހުން ވިޔަފާރިކުރަމުން ދަނީ ޤާނޫނީ އިމުގެ ތެރެއިންތޯބަލައި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.
އިމިގްރޭޝަން އިން މަޢުލޫމާތުދިން ގޮތުގައި، ޓާސްކްފޯސްއިން މިރޭ ހިންގި ރެއިޑު އޮޕަރޭޝަންގައި ވަނީ މާލޭގެ ދިލްކުޝާގޯޅީގައި، އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވަރ ކުރަމުންދިއަ ތަނެއް ބަލާފާސްކޮށްފައެވެ.

އިމިގުރޭޝަނުން އާންމުކޮށްފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި މުޑުދާރުކޮށް ބިދޭސީން އުޅެމުންދިޔަ އެ ކޮޓަރިގައި ތައްޔާރުކުރަމުން ދިޔައީ "އަލިކޮ އިންވެސްޓްމެންޓުގެ" ނަމުގައި ތައްޔާރުކުރަމުން ދިޔަ ކާބޯތަކެއްޗެވެ. އެގޮތުން މުރުމުރާއި، މުރާލި، ހިކިމަސް، ކުދި ގުޅަ، ކުޅިކާޖާ ފަދަ ލުއި ކާނާގެ ބާވަތްތައް ހިމެނެއެވެ. "ލޯކަލް ފުޑް ޕްރޮޑަކްޝަން" ގެ ނަމުގައި އަލިކޮ އިންވެސްޓްމެންޓުގެ ދަށުން މި މަސައްކަތް ކުރަމުންގޮސްފައިވަނީ ބިދޭސީން ދިރިއުޅެމުންދިޔަ ކޮޓަރިއެއްގެ ތެރޭގައެވެ.

ޓާސްކްފޯސްއިން އެތަނަށް ރެއިޑްކުރިއިރުވެސް އެމީހުންތިބީ ކާބޯތަކެތި ތައްޔާރުކުރަންކަން ފޮޓޯތަކުން ފެނެއެވެ. އެގޮތުން ފިޔާފަދަތަކެތި ކޮށާ ގުޅަހެދުމުގައި ތިބިކަން ފާހަގަކުރެވެެއެވެ. އެއްވެސް ސާފުތާހިރުކަމެއްނެތް ފާހާނާއެއްގެ ފޮޓޯއެއް ހިއްސާކޮށްފައިވާއިރު އެތަނުގެ އެތެރޭގައި ބުޅަލެއް އުޅެމުންދިޔަތަންވެސް ފެނިފައިވެއެވެ.

"ބިދޭސީން ދިރިއުޅެމުންދާ 4 އެކޮމޮޑޭޝަން ބްލޮކް ބަލައި ފާސްކޮށްފައި އަދި އެތަނުގައި ގަވާއިދާ ހިލާފަށް، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުންދިއަ 18 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި" އިމިގްރޭޝަން އިން މަޢުލޫމާތުދީފައިވެއެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި މިހާތަަނަށް ޤަވާޢިދުން ބޭރުން ވިޔަފާރިކުރާ އެތައްތަނެއް ބަލާފާސްކޮށް، ޤަވާޢީދުން ބޭރުން އުޅޭ ގިނަ އަދަދެއްގެ ބިދޭސީންނާމެދު ވަނީ ފިޔަވަޅުއަޅާފައެވެ. އަދި ޤަވާޢިދުން ބޭރުންނާއި، އެއްވެސް ސާފުތާހިރުކަމެއްނެތި ބިދޭސީން އޮޕަރޭޓްކުރަމުން އައި ތަންތަން ވަނީ ބަންދުކޮށް، އެމީހުން ހުއްޓުވާފައެވެ.
އިމިގްރޭޝަނުން މީގެކުރިންވެސް ވަނީ، ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމުގައި ގަވާއިދާ ހިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި، މާލޭގެ ގެއެއް ގައި ބިދޭސީން ކުރަމުންދިއަ ވިޔަފާރިތަކެއް ހުއްޓުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!