އުރީދޫ ފިންޓެކް މޯލްޑިވްސްގެ އެމް-ފައިސާ މެދުވެރިކޮށް، ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ޤައުމުތަކަށް އެއްވެސް ޓްރާންސްފާ ފީއެއް ނުނަގައި ފައިސާ ފޮނުވޭނެ އިންތިޒާމެއް އުރީދޫން އިޢުލާންކޮށްފިއެވެ.
މި ހިދުމަތް ފަށާފައިވަނީ އޭޝީއާ ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކަށް އަވަސް އަދި ރައްކާތެރި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ.
މި ލިމިޓެޑް ޓައިމް އޮފަރގެ ދަށުން، 1 ޑިސެމްބަރު 2025 އިން 31 ޑިސެމްބަރު 2025 ގެ ނިޔަލަށް ލަންކާ، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ތައިލެންޑަށް ވަގުތުން އަދި ރައްކާތެރިކަމާއެކު ފައިސާ ފޮނުވޭނެއެވެ. އެއްވެސް ޓްރާންސްފާ ޗާޖެއް ނުނެގޭ މި ހިދުމަތަކީ ތޫފާނުގެ އަސަރުކުރި ފަރާތްތަކަށް އެހީތެރިވުމަށް ފަސޭހަކޮށްދިނުމަށް ޚާއްސަކޮށް ފަރުމާކުރެވިފައިވާ ހިދުމަތެކެވެ.
އެމް-ފައިސާގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ (އައިއެމްއާރު) ހިދުމަތަކީ މަނީގްރާމްއާ ޕާޓްނަރވެގެން ކުރިއަށް ގެންދާ ޚިދުމަތެކެވެ. މި ހިދުމަތުގެ ދަށުން ކަސްޓަމަރުންނަށް ދުވާލަކު 10،000 ޑޮލަރާ ހަމައަށް ޓްރާންސްފަރ ކުރެވޭނެއެވެ. ފޯމު ފުރަން ނުޖެހި އަދި ސަފުގައި މަޑުކުރަން ނުޖެހި، އެމްފައިސާ އެޕް މެދުވެރިކޮށް ޑިޖިޓަލީ ފައިސާ ފޮނުވުމުގެ އިތުރުން، ރިއަލް ޓައިމްގައި ޓްރާންސެކްޝަން ޓްރެކިންވެސް ކުރެވޭނެއެވެ.
މި ޚިދުމަތާއި ގުޅޭގޮތުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ. "ދިވެހިރާއްޖެއަކީ މި ސަރަޙައްދުގެ އަވަށްޓެރި ޤައުމުތަކާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއް، ރާއްޖޭގެ ގިނަ ރައްޔިތުންނަކީ އަދި ދިރިއުޅޭ ބިދޭސީންގެ ގާތްތިމާގެ މީހުން މި ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ، ޓްރާންސްފަރ ފީ އާނުލާ، ވަގުތުން ރައްކާތެރި ޑިޖިޓަލް ރެމިޓެންސްތައް ފޯރުކޮށްދިނުމުން، މި ދަތި އުނދަގޫ ދަނޑިވަޅުގައި އެހީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދު ކުރަން."
ޚާލިދު އަލް ހަމާދީ އިތުރަށް ވިދާޅުވީ، އުރީދޫގެ އަމާޒަކީ ޓެކްނޮލޮޖީ މެދުވެރިކޮށް މީހުން ގުޅުވާލުމާއި، މުޖުތަމައުތައް ވަރުގަދަކޮށް، އެންމެ މުހިންމު ވަގުތުތަކުގައި އަވަސް އެހީ ފޯރުކޮށްދިނުން ކަމަށެވެ. މި އެހީގެ ސަބަބުން ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ބޭނުންކޮށްގެން މުޖުތަމައިއަށް އެހީތެރިވުމަށާއި، އިންކްލޫސިވިޓީ އަދި ސަރަޙައްދީ ގުޅުންތައް ބަދަހިކުރުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!