ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ޤާއިމްކޮށްފައިވާ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.

މި ގޮފި ހުޅުވައިދެއްވީ މިރޭ ދިއްދޫ އިސްލާމީ މަރުކަޒުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.

Ad
rt

މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ވެރިންގެ އިތުރުން ކައުންސިލްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސެންޓަރުގެ މައިގަނޑު މަޤްޞަދަކީ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން މިހާރުވެސް ހިންގާ ތަފާތު ކޯސްތައް ދިއްދޫގައި ކުރިއަށް ގެންދިއުމެވެ. މީގެ ސަބަބުން ދިއްދޫގެ ރައްޔިތުންނަށް، ޚާއްސަކޮށް ޒުވާނުންނާއި ކުޑަކުދިންނަށް ޤުރުއާނުގެ ޢިލްމު އުނގެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއަދު ހުޅުވުނު ދިއްދޫ އިސްލާމީ މަރުކަޒަކީ ހަމައެކަނި ޤުރުއާން މަރުކަޒުގެ ގޮފި ޤާއިމްކުރެވުނު ތަނެއް ނޫނެވެ. މާލެއިން ބޭރުގައި ޤާއިމްކުރެވުނު ފުރަތަމަ އިސްލާމީ ކުތުބުޚާނާވެސް ވަނީ މި މަރުކަޒުގައި ޤާއިމްކޮށް ހުޅުވާފައެވެ.

މިއީ ދިއްދޫގެ ދީނީ އަދި ޢިލްމީ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.