"ވޭރިއޭޝަން"ގެ ނަމުގައި ކުންފުނިތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭ ކަމަށް ތުހުމަތުކުރައްވައި، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވުޒާރާގެ ނައިބު ވަޒީރު މުހައްމަދު އަހުމަދު (ޖިހާދޭ)، ކުރައްވައިފިއެވެ.

މި ތުހުމަތުތައް ޖިހާދޭ ކުރައްވާފައިވަނީ އޭނާގެ މީސްމީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ޖިހާދޭ ވިދާޅުވީ، ހުރިހާ ވައްކަމަކީ ސިއްރުގައި ކުރާ ކަމެއް ނޫން ކަމަށާއި، ބައެއް ވައްކަންތައް ވަރަށް ފާޅުގައި ކުރާ ކަމަށެވެ. ކަންކަން ޓްރާންސްޕޭރަންޓްކޮށް ހާމަކުރުމަކީ ވައްކަން ނުކުރާ ކަމުގެ ހެއްކެއް ނޫން ކަމަށާއި، ހުރިހާ ކަމެއް ދައްކަމުން ޕަބްލިޝް ކުރަމުންވެސް ރައްޔިތުންގެ ލޯތަކަށް އޮޅުވާލެވިދާނެ ކަމަށް އޭނާ ވިދާޅުވެފަވެއެވެ.

Ad
rt

ބިޑަށް ހުޅުވާލުމުން އެންމެ ކުޑަ އަގެއް ހުށަހަޅައިގެން މަޝްރޫއުތައް ކާމިޔާބު ކުރުމަށްފަހު، "ވޭރިއޭޝަން"ގެ ނަމުގައި އިތުރަށް ގިނަ އަދަދެއްގެ ފައިސާ އިތުރުކުރުމާއި މުއްދަތު އިތުރުކުރުމަކީ ވަރަށް ނަހަމަ ގޮތެއްގައި މުއައްސަސާތަކުން ކުރަމުން އަންނަ ކަމެއް ކަމަށް ޖިހާދޭ ވިދާޅުވިއެވެ. ވޭރިއޭޝަންއަކީ އެއްބަސްވުން ހެދުމަށްފަހު އެއްބަސްވުމަށް ގެންނަ ބަދަލުތަކަށް ވާއިރު، މިއީ ދުނިޔޭގައިވެސް ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ހިންގުމަށް އެންމެ ބޮޑަށް ބޭނުންކުރާ އެއް ގޮތް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ޖިހާދޭގެ ޕޯސްޓެއްގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ރެކޯޑްތަކަށް އަލިއަޅުވައި، 2025 ވަނަ އަހަރު އެކި ޕްރޮޖެކްޓްތަކާ ގުޅިގެން ޖުމްލަ 103 ވޭރިއޭޝަން ފާސްކޮށްފައިވާކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި ޕްރޮޖެކްޓްތަކުގެ މުއްދަތު އިތުރުކުރަން 77 ވޭރިއޭޝަންއާއި، އަގު އިތުރުކުރަން 26 ވޭރިއޭޝަން ހިމެނެއެވެ. މި ވޭރިއޭޝަންތަކުގެ ސަބަބުން ޖުމްލަ 3098 ދުވަސް (8 އަހަރާއި 5 މަހާއި 28 ދުވަސް) ޕްރޮޖެކްޓްތަކުގެ މުއްދަތަށް އިތުރުވެފައިވާކަމަށާއި، އަގަށް 1,491,492.96 ރުފިޔާ އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވެފަވެއެެވެ. ޖިހާދޭ ވިދާޅުވާ ގޮތުގައި މި ވޭރިއޭޝަންތަކުން ގިނަ ''ރެޑް ފްލެގްތަކެއް'' ފެންނަން އެބަހުއްޓެވެ.

ފާހަގަކުރެވުނު މުހިންމު ކަންތައްތަކުގެ ގޮތުގައި ޖިހާދޭ ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، އެއް ކޮންޓްރެކްޓަރުންނަށް ގިނަ ވޭރިއޭޝަންތަކެއް ދޫކޮށްފައިވުމާއި، ގިނަ ވޭރިއޭޝަންތަކަށް ދިގު މުއްދަތުތަކެއް ދިނުމާއި، ގާތްގަނޑަކަށް ހުރިހާ ޕްރޮޖެކްޓެއްގައި ވޭރިއޭޝަން ހިމެނިފައިވުމުގެ އިތުރުން އެއް ޕްރޮޖެކްޓަށް ތަކުރާރުކޮށް ވޭރިއޭޝަން ގެނެސްފައިވުން ހިމެނެއެވެ. މީގެ ސަބަބުން ބިޑް ކޮމިޓީއަށް ކައުންސިލަރުން ނުފޫޒު ފޯރުވާފައިވުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ވިދާޅުވެފައިވެއެވެ. ވޭރިއޭޝަންތަކަކީ ނާޖާއިޒު ގޮތުގައި ފައިދާ ނަގަން ބޭނުންކުރާ އެއް ގޮތްކަމަށް ވާތީ، އަހަރެއްގެ ތެރޭގައި 103 ވޭރިއޭޝަން ފާސްކޮށްފައި އޮތުމަކީ ރައްޔިތުންނާއި ކަމާބެހޭ މުއައްސަސާތަކުން މިކަމާ ސުވާލު އުފައްދަންޖެހޭ ކަމެއްކަން އޭނާ ފާގަހަކުރަށްވާފަވެއެވެ.

މީގެތެރޭގައި ސިޔާސީ ފައިދާ، ކޮމިޝަން އަދި ރިޝްވަތު ހިމެނުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތްކަން ޖިހާދޭ ފާހަގަކުރައްވައެވެ. މީގެ އިތުރުން، ބައެއް ކޮންޓްރެކްޓަރުންނަށް 14 އަށްވުރެ ގިނަ ވޭރިއޭޝަން ދީފައިވުމުގެ ސަބަބުން ރައްޔިތުންގެ ފައިސާއިން އެތައް ގުނައެއްގެ ޚަރަދު ބޮޑުވާކަމަށް ވެސް އޭނާ ވިދާޅުވެފަވެއެވެ. މިކަންކަމުގެ ސަބަބުން ޕްރޮޖެކްޓްތަކުގެ ގަވަނަންސް، ސުޕަވައިޒަން އަދި ޕްލޭނިންއާ މެދު ގިނަ ސުވާލުތަކެއް އުފެދޭކަމަށް ވެސް ޖިހާދޭ ވިދާޅުވެފައިވެއެވެ.

ޖިހާދޭ އިތުރަށް ވިދާޅުވީ، ބްލޮކް ގުރާންޓްގެ ގޮތުގައި ދައުލަތުގެ އާމްދަނީގެ 5 އިންސައްތަ ކައުންސިލްތަކަށް ދޫކުރާއިރު، ކުޅުދުއްފުށީ ސިޓީ ކައުންސިލަށްވެސް އަހަރަކު ގާތްގަނޑަކަށް 50 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭ ކަމަށެވެ. މި ހިނގާ 2025 ވަނަ އަހަރަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން 127 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

''ވިސްނާލަން ޖެހޭ ކަމަކީ މިފަދަ ބޮޑެތި ބަޖެޓްތަކުން އާންމު ރައްޔިތުންގެ ޖީބަށް ބޮޑުކުރަން ހިންގުނީ ކޮން ޕްރޮޖެކްޓެއްތޯ؟ ކުޅިވަރު ކުޅުމާއި، ޕާކް ހެދުމާއި މައިޒާން ހެދުމާއި، ލޭންޑް ސްކޭޕިންއާ މަރާމާތު ވެސް މުހިންމު. ނަމަވެސް އާންމު ރައްޔިތުންގެ ޖީބަށް ފައިދާވާ ކަހަލަ ކޮންކަމެއްތޯ ކުރެވުނީ؟ ކުޅުދުއްފުށީގެ އިޤްތިސާދު ރަނގަޅުކުރަން ކޮން ކަމެއްތޯ ކުރެވުނީ؟ ޓޫރިޒަމް އެޑްވައިޒަރީ ބޯޑެއް ހެދުން ނަމަވެސް ޓޫރިޒަމް ޑެސްކެއް ބަހައްޓާ ނުލެވި ލޯކަލް ޓޫރިޒަމްގެ މަންފާ ލިބޭނެގޮތެއް ހަދާ ނުލެވި މި ދަނީ އަޅެ ކީއްވެތޯ؟'' ޖިހާދޭ ވިދާޅުވިއެވެ.


އޭނާ ވަނީ ކުޅުދުއްފުށީގައި މިހާރުވެސް އެންމެ ފަޤީރު ހާލަތުގައި 100 އަށްވުރެ ގިނަ އާއިލާ އުޅޭ ކަމަށާއި، ދުވާލަކު އެއްފަހަރުވެސް ރަނގަޅަށް ކާލައިގެން އުޅެވޭ އާއިލާތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ލިޔަންކިޔަން ނޭނގޭ 300 އެއްހާ ކުދިން އެބަ އުޅޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިފަދަ އާއިލާތަކަށާއި، މިފަދަ އެންމެ ހާލުގައި އުޅޭ ރައްޔިތުންނަށްޓަކާ ކޮށްދެވުނީ ކޮންކަމެއްތޯ ސުވާލުކޮށްލަންޖެހޭ ކަމަށާއި، އަދި ރައްޔިތުންގެ ޖީބުތައް މުއްސަނދިކޮށްދިނުމަށްޓަކައި ކޮށްދެވުނީ ކޮންކަމެއްތޯވެސް ސުވާލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕޯސްޓް ނިންމަވާލައްވަމުން ޖިހާދޭ ވިދާޅުވީ، ސެލެބްރިޓީ ހެދުމާއި ވާހަކަ ދެއްކުމަކީ ކާމިޔާބީ މިންކުރަން ޖެހޭ މިންގަނޑެއް ކަމުގައި ހަދައިފިނަމަ ހަލާކުވެގެން ހިނގައިދާނެ ކަމަށެވެ. އަދި ދެތިން ކުޅިވަރު މުބާރާތަކާއި ޕާކްތަކާއި މައިޒާންތަކާ ހަދާދިނީމާ ''ލޯ ކަނު، ބީރު މަންމަން ބަޔަކަށް ވެއްޖެނަމަ'' ގެއްލި ނިކަމެތިވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވެފަވެއެވެ. މިކަންކަމުގެ ޒިންމާ ރަށުގެ އިސްވެރިޔާ ނަގަން ޖެހޭނެ ކަމަށްވެސް ޖިހާދޭ ވިދާޅުވިއެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލަކީ އެންމެ ހަރަކާތްތެރި އެއް ސިޓީ ކައުންސިލެވެ.