ސަރުކާރުން ހުށަހެޅުއްވި، އަތޮޅު ކައުންސިލްތައް އުވާލުމަށާއި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ގެނައި ޤާނޫނީ އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި އިސްލާޙުތައް ފާސްކުރީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅުނު ބިލުތައް މަޖިލީހުގެ ވަގުތީ ކޮމިޓީން ދިރާސާކުރުމަށް ފަހު މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގައެވެ.

Ad
rt

ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން އަތޮޅު ކައުންސިލްތަކާ ގުޅޭ ހުރިހާ ބައެއް ވަނީ އުނިކުރެވިފައެވެ. ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙާއެކު ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކަނޑައަޅާފައިވަނީ އާބާދީއާ ގުޅުވައިގެންނެވެ. އެގޮތުން، 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ރަށު ކައުންސިލްތަކަށް ކައުންސިލް ރައީސް ހިމެނޭހެން 3 މެންބަރުން އިންތިޚާބުކުރެވޭނެއެވެ. އަދި އެއަށްވުރެ ބޮޑެތި އާބާދީތަކަށް 5 މެންބަރުން އިންތިޚާބުކުރެވޭނެއެވެ. 3 މެންބަރުންގެ ކައުންސިލްތަކުގައި އެއް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަންޖެހޭއިރު، 5 މެންބަރުންގެ ކައުންސިލްތަކުގައި ކުރިންވެސް އޮތް ގޮތަށް 2 ގޮނޑި އަންހެނުންނަށް ޚާއްސަވާނެއެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް (ޑަބްލިޔޫޑީސީ) އާ ގުޅޭ ބަދަލުތަކެއް ވެސް މި އިސްލާޙުތަކުގައި ހިމެނެއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އަދަދު ކައުންސިލަރުންގެ އަދަދާ އެއްވަރުކޮށް، އެ ކޮމިޓީގެ ރައީސް އިންތިޚާބުކުރާނީ ކައުންސިލް ރައީސް އިންތިޚާބުކުރާ ގޮތަށް ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. އަދި އަންހެނުންގެ ކޮމިޓީގެ ރައީސްގެ މަޤާމަކީ ފުލްޓައިމް މަޤާމެއް ކަމަށްވެސް މި އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.

ސިޓީ ކައުންސިލްތަކަށް ބަލާއިރު، މާލެ ސިޓީއާއި ފުވައްމުލައް ސިޓީ ފިޔަވައި އެހެން ސިޓީތަކަށް އާބާދީއާ ގުޅޭގޮތަށް މޭޔަރު ހިމެނޭހެން 7، 11 ނުވަތަ 15 ކައުންސިލަރުން އިންތިޚާބުކުރުމަށް ވެސް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

ކައުންސިލަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކަށް ވެސް މި އިސްލާޙުތަކުގައި ބަދަލު ގެނެސްފައިވެއެވެ. ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ ކައުންސިލަރަކު އެ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެއެވެ. ހަމަ އެފަދައިން، އަމިއްލަގޮތުން ވާދަކޮށް އިންތިޚާބުވާ ކައުންސިލަރަކު ޕާޓީއަކާ ގުޅިއްޖެނަމަ ވެސް ގޮނޑި ގެއްލޭނެ ގޮތަށް ވަނީ އިސްލާޙު ހުށަހަޅާފައެވެ.

ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރީ 54 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަކަމަށް 11 މެމްބަރަކު ވޯޓު ދެއްވިއެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަކަމަށް 10 މެމްބަރަކު ވޯޓުދެއްވިއެވެ.