އާސަންދަ ސްކީމްގެ ދަށުން އައިނު ހެއްދުމަށް ދޭ އެހީ ބޮޑުކުރުމަށް ފަހު، މިދިޔަ ޖޫން މަހުން ފެށިގެން މިހާތަނަށް 47.4 މިލިޔަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ޚަރަދުތައް ބޮޑުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އައިނު ހެއްދުމަށް ދޭ އެހީގެ މިންވަރު އިތުރުކުރެއްވުމާ ގުޅިގެންނެވެ.

Ad
rt

މީގެ ކުރިން ދެއަހަރުން އެއްފަހަރު ދެމުން އައި 1000 ރުފިޔާގެ އެހީ، މިއަހަރުގެ ޖޫން މަހުން ފެށިގެން 2000 ރުފިޔާއަށް ބޮޑުކުރެއްވުމަށް ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ. މި ބަދަލާއެކު އާސަންދައިގެ ދަށުން އައިނު ހެއްދުމަށް އާންމުންނަށް ލިބޭ އެހީގެ މިންވަރު ވަނީ ދެގުނަ އިތުރުވެފައެވެ. މި ބަދަލުގެ ސަބަބުން އައިނު ހެއްދުމަށް ހޭދަވާ ޚަރަދުތަކަށް ބޮޑު ލުއިކަމެއް ލިބިފައިވާކަން އެންސްޕާގެ ހިސާބުތަކުން ފާހަގަވެއެވެ.

އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖުމްލަ ޚަރަދުކުރެވުނު 47.4 މިލިޔަން ރުފިޔާގެ ތެރެއިން ގިނަ ބައި ޚަރަދުކޮށްފައިވަނީ އަމިއްލަ ތަންތަނަށެވެ. އެގޮތުން 17,117 މީހަކަށް އަމިއްލަ ތަންތަނުން ޚިދުމަތް ހޯދުމަށް 32.6 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ސަރުކާރުގެ ހޮސްޕިޓަލުތަކަށް 7,382 މީހަކަށް އައިނު ހެއްދުމަށް 14.7 މިލިޔަން ރުފިޔާ ހޭދަވެފައިވެއެވެ.

އައިނު ހެއްދުމަކީ ރާއްޖޭގައި ބޮޑު ހޭދައެއް ކުރަންޖެހޭ އަދި އާންމުންގެ ގިނަ ދުވަހުގެ ކަންބޮޑުވުމެއް އޮތް ކަމަކަށްވުމާއެކު، ރައީސް މުޢިއްޒު ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ފައްޓަވާފައެވެ. މިހާރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވާ ޚިދުމަތް ދެމުންގެންދެއެވެ.

ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކެއްގައިވެސް އައިނު ފިހާރަތައް ހެދުމެވެ. މިގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.