އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމުގެގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން، ދުބާއީ އަދި ތައިލެންޑަށް އެއަރ އެމްބިއުލާންސްގެ ދަތުރުތައް ފެށުމަށްޓަކައި މިއަދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޞިއްޙީ ވުޒާރާއާއި، އައިލެންޑް އޭވިއޭޝަން އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ދެމެދުގައެވެ.

Ad
rt

މި އެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނާއިބު އަޙްމަދު ހަމްދާން ނާސިރެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާޒު ސޮއިކުރެއްވި އިރު، އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒަކެޓިވް އޮފިސަރ ހީނާ ވަލީދެވެ.

މި އެއްބަސްވުމުގެ ސަބަބުން ބޭސްފަރުވާއަށް ބޭރުގެ ޤައުމުތަކަށް ދާންޖެހޭ ފަރާތްތަކަށް އަވަސް އަދި ރައްކާތެރި ދަތުރުތައް ކަށަވަރުކޮށްދިނުމަށް މަގުފަހިވާނެކަމަށް ސިއްހީ ވުޒާރާއިން ބުންޏެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި، ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ޞިއްޙީ ކުއްލި ފަރުވާގެ ޚިދުމަތް ފުޅާކުރެއްވުން ހިމެނެއެވެ. އެގޮތުން، އެއަރ އެމްބިއުލާންސްގެ ޚިދުމަތަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ 14 ހަފްތާގެ ތެރޭގައި ހިމެނި، 1 މާރިޗު 2024 އިން ފެށިގެން ދެމުންދާ ޚިދުމަތެކެވެ.

މި ޚިދުމަތް ފެށުނު ފަހުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޞިއްޙީ ކުއްލި އެހީ ބޭނުންވާ 1840 ބަލިމީހުން ވަނީ ފަރުވާ ދިނުމަށް މާލެ ސަރަހައްދަށް އެއަރ އެމްބިއުލާންސްގައި ގެނެވިފައެވެ.

ޞިއްޙީ ވުޒާރާގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އެމެޖެންސީ މެޑިކަލް ސަރވިސަސް (މެމްސް) އިން މި ޚިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި މަސައްކަތް ކުރަމުންދެއެވެ. މި ޚިދުމަތް ދިނުމުގައި، ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ޚިދުމަތުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރުން، ނަރުހުން، އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން، ކޯލް ސެންޓަރ މުވައްޒަފުން އަދި ޑްރައިވަރުން ހިމެނޭ ޓީމެއް ދަނީ މަސައްކަތް ކުރަމުންނެވެ.

ދުބާއީ އަދި ތައިލެންޑަށް މި ޚިދުމަތް ފުޅާކުރުމުގެ ސަބަބުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ހާލަތްތަކުގައި ވެސް ރައްޔިތުންނަށް އިތުރު ޔަޤީންކަމެއް ލިބިގެންދާނެއެވެ.