މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ރިސާޗް ކޮންފަރެންސް 2025 މިއަދު ވިލާ ނޯޓިކާ ޕެރެޑައިޒް އައިލޭންޑް ރިޒޯޓުގައި ފަށައިފިއެވެ.
ނޮވެންބަރު 16 އަދި 17 އަށް ކުރިއަށްދާ މި ކޮންފަރެންސަކީ، އެންމެ ގިނަ ބައިވެރިން ބައިވެރިވި ފަހަރެވެ. 240 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާއިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރު އަދަދެކެވެ.
ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެމްއެމްއޭއިން އަލަށް ތައާރަފްކުރި އިކޮނޮމިކް އަދި ފައިނޭންޝިއަލް މެގަޒިން "ދި އައިލޭންޑް އިކޮނޮމިސްޓް" ވަނީ ލޯންޗުކޮށްފައެވެ. މި މެގަޒިން ލޯންޗްކޮށްދެއްވީ ކޮންފަރެންސްގެ ޝަރަފުވެރި މެހެމާނު، އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީޢުއެވެ.
މީގެއިތުރުން، އެމްއެމްއޭގެ ރިސާޗް ޖާނަލް "މޯލްޑިވްސް ޖާނަލް އޮފް އިކޮނޮމިކްސް އެންޑް ފައިނޭންސް" ވެސް ވަނީ ލޯންޗުކޮށްފައެވެ. މި ޖާނަލް ލޯންޗްކޮށްދެއްވީ މެލޭޝިއާގެ އިންސީފް ޔުނިވާސިޓީގެ ޕްރޮފެސަރ އަދި އެސޯސިއޭޓް ޑީން ޕްރޮފެސަރ ޑރ. އާއިޝަތު މުނީޒާއެވެ.

މިއަހަރުގެ ކޮންފަރެންސްގައި އިލްމީ ދިރާސާ ކަރުދާސްތައް ހުށަހެޅުން ފާހަގަކޮށްލެވޭ މިންވަރަށް އިތުރުވެފައިވެއެވެ. ޖުމްލަ 40 ދިރާސީ ޕޭޕަރު ހުށަހަޅާ ފަރާތްތައް މި ކޮންފަރެންސްގައި ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި 20 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ ދާރިސުން ހިމެނެއެވެ. މީގެ އިތުރުން، އެމްއެމްއޭގެ ރިސާޗް ފަންޑަށް 39 ހުށަހެޅުމާއި، އަލަށް ލޯންޗުކުރި މަޖައްލާ 'ދި އައިލޭންޑް އިކޮނޮމިސްޓް' އަށް 20 ލިޔުން ލިބިފައިވާކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
ކޮންފަރެންސްގެ ތެރެއިން، ތަމްވީލް ފިންލިޓް ފެސްޓިވަލް 2025ގެ މުބާރާތްތަކުގެ ފައިނަލަށް ދިޔަ ފަރާތްތަކަށް ވަނަތަކާއި ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ. މި ފެސްޓިވަލް ޕްރޮގްރާމްގައި 140 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާއިރު، މީގެ ތެރެއިން ގިނައީ ސްކޫލް ދަރިވަރުންނެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މާލީ ހޭލުންތެރިކަން އިތުރުކޮށް، އިޤްތިޞާދީ ގޮތުން ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމެވެ.
އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަކީ 2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. މިއަދު ފެށިގެން މި ކުރިއަށްދާ ދެ ދުވަހުގެ ކޮންފަރެންސަކީ، މި ސިލްސިލާގެ ދެވަނަ ކޮންފަރެންސެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!