އުމްރާނީ ގޮތުންނާއި ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން ކުރިއަރަމުން އަންނަ ބައެއް ރަށްރަށުގެ ކަރަންޓް ޑިމާންޑު ބޮޑުވުމާ ގުޅިގެން، އަންނަ ޕީކު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހަ ރަށަކަށް އައު ޖަނަރޭޓަރު ސެޓްތައް ފޮނުވައިފިއެވެ. މިކަމުގެ ސަބަބުން އެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޑިމާންޑަށް ފުދޭވަރަށް ކަރަންޓު ލިބުން ކަށަވަރުވާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ސްޓެލްކޯ އިން ހާމަކުރި ގޮތުގައި، މި ފިޔަވަޅު އެޅީ އުމްރާނީ ގޮތުންނާއި، ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން އަންނަމުންދާ ތަރައްޤީއާ ގުޅިގެން، ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ. މިގޮތުން މިދިޔަ ހަފުތާ ތެރޭގައި މާލެ އަތޮޅާއި އަލުފު އަތޮޅުގެ ހަ ރަށަކަށް ވަނީ އިތުރު ޖަނަރޭޓަރު ސެޓްތައް ފޮނުވައިފައެވެ.

Ad
rt

އައު ޖަނަރޭޓަރު ސެޓްތައް ފޮނުވި ރަށްތަކާއި އޭގެ ޤާބިލިއްޔަތު ތިރީގައި މިވަނީއެވެ:

  • ވ. ތިނަދޫ: 600 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް
  • ކ. ވިލިމާލެ: 1200 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް
  • އއ. އުކުޅަސް: 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް
  • އދ. ދިގުރަށް: 320 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް
  • އއ. ތޮއްޑޫ: 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް
  • ކ. ގުރައިދޫ: 1000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް

މި ޖެނެރޭޓަރުތައް ބަހައްޓައި، އޮޕަރޭޝަނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. ސްޓެލްކޯ އިން އިތުރަށް ބުނީ "މި ޖެންސެޓް އިންސްޓޯލްކޮށް ކޮމިޝަން ކުރެވުމާއެކު، ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަރަންޓު ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ޔަޤީންކުރެވިގެންދާނެ" ކަމަށެވެ. މިއީ ޚާއްސަކޮށް ޕީކު ސީޒަންތަކުގައި ކަރަންޓުގެ ދަތިކަމެއް ނާންނާނެ ކަމުގެ ޔަޤީންކަން ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.