މި ދުވަސްވަރު ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާ ވީޑިއޯތަކެއްގައި، ތަފާތު އެކި ފަރާތްތަކުން އަތުކުރި އޮޅާ މަންޒަރު ފެނުމުން ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ހިތްތަކުގައި ސުވާލު އުފެދިއްޖެއެވެ. މިއީ ކޮންކަމެއްހެއްޔެވެ؟ އެންމެން އަތުކުރި މި އޮޅަނީ ކޮންކަމަކަށް ހެއްޔެވެ؟"އަތުކުރި އޮޅާލަމާ" ވީޑިއޯތަކުގަ މިއީ ކޮންބައެއްހެއްޔެވެ؟
މި ވީޑިއޯތަކުގަފެންނަނީ، އެކި ދާއިރާތަކުގެ މީހުން، އަތުކުރި އޮޅާމަންޒަރެވެ. ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބައެއް ނޫސްވެރިން އިސްވެތިބެ ހިއްސާކުރާތީ އާއި، ކުރީގެ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ފަދަ ބޭފުޅުން އަތުކުރި އޮޅާ މަންޒަރު ފެނުމުން، މިއީ މީޑިއާއާ ގުޅުންހުރި ކެމްޕޭނެއް ކަމަށް ބައެއްމީހުންނަށް ހީވެއެވެ.
އެހެން ނަމަވެސް، ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އާއި ޑޮކްޓަރު ނިއާފް ފަދަ ސިއްހީ ދާއިރާގެ ބޭފުޅުން ވެސް އަތުކުރި އޮޅާލައިގެން ތިއްބަވާ މަންޒަރު ފެނުމުން، މިއީ ސިއްހީ ކަމަކަށް އަމާޒުކޮށްގެން ހިންގާ ކެމްޕޭނެއް ކަމަށް ވެސް ހީވެ ބައެއްމީހުން ކޮމެންޓް ކުރެއެވެ. އަދި ހަމައެއާއެކު، ރާއްޖޭގެ އެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ސިޔާސީ ބޭފުޅުން ވެސް މި ވީޑިއޯތަކުން ފެންނާތީ، މި ކެމްޕޭންގެ އަސްލު މަގުސަދު ކަނޑައެޅުމަށް ގިނަ ބަޔަކަށް ވަނީ އުނދަގޫވެފައެވެ. ބޮޑު ސުވާލަކަށްވެފައެވެ.
މިހާތަނަށް އެނގޭ ވަރަކީ މިއީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކިޔަވާ ދަރިވަރުންތަކެއް ހިންގާ ގައުމީ ކެމްޕޭނެއް ކަމެވެ. މި ކެމްޕޭން ހިންގުމުގައި ބައިވެރިވާ ފަރާތަކުން ހިއްސާކުރި ވީޑިއޯއެއްގައި މިކަން ވަނީ ހާމަކޮށްފައެވެ. އަދި މިއީ ދެޖިންސުގެ މީހުން ޝާމިލްވާ،އިޖްތިމާއީ ކެމްޕޭނެއްކަން ވެސް އެނގެއެވެ. މި ކެމްޕޭންގެ ލީޑަރު އަހްމަދު ޝަފްރާޒް ވިދާޅުވީ، ކެމްޕޭންގެ އަސްލު މަގުސަދު ރަސްމީކޮށް އިއުލާނުކުރުމަށް ދެން މާ ގިނަ ދުވަހެއް ނެތް ކަމަށެވެ.
"އަތުކުރި އޮޅާލަމާ" ކެމްޕޭނާ ބެހޭ އިތުރު މައުލޫމާތުތަކާއި އަޕްޑޭޓްތައް، އެކެމްޕޭންގެ ސޯޝަލް މީޑިއާގެ ޕޭޖްތަކުން ލިބެމުންދާނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. ގައުމީ ޔުނިވާސިޓީގެ ދަރިވަރުންތަކެއް އިސްނަގައިގެން މިފަދަ ކެމްޕޭނެއް ހިންގުމަކީ، ދިވެހި މުޖުތަމައަށް ފައިދާހުރި ކޮންމެ ވެސް މުހިއްމު މެސެޖެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށް ބެލެވެއެވެ. ކުރިއަށް އޮތްތަނުގައި މި ކެމްޕޭންގެ ފުރިހަމަ ތަފްސީލުތައް ހާމަވެ، އޭގެ މަގުސަދު އެނގިގެންދާއިރު، މިއީ ހަމަގައިމުވެސް ފައިދާހުރި، ހެޔޮ ބަދަލެއް ގެނުވާނެ މުހިންމު ކަމެއް ކަމަށް އުންމީދު ކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!