ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޭ މުހިންމު ފަސް ޚިދުމަތެއް ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް ފަސޭހަކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގާއިމުކޮށްފައިވާ "ވަންގަވް" ޑިޖިޓަލް ޕްލެޓްފޯމުން ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އެންސްޕާގެ ފަސް ޚިދުމަތްތެއް "ވަންގަވް" އިން ލިބޭނެކަން ހާމަކޮށް، "މޯލްޑިވްސް 2.0" އެކްސް އެކައުންޓްގައި ބުނީ އެންސްޕާއިން ''ވަންގަވް''ގައި ފަސް މުހިންމު ޚިދުމަތް ތަޢާރަފުކޮށްފައިވާ ކަމަށެވެ.
މިއީ މުޅި ރާއްޖޭގައި އިޖްތިމާޢީ އަދި ވެލްފެއަރ އެހީތެރިކަން ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން އެެޅުނު ފިޔަވަޅެއްކަމަށް "މޯލްޑިވްސް 2.0" އިން ފާހަަގަކޮށްފައި ވެއެވެ.
''މި ޚިދުމަތްތައް ތަޢާރަފުކުރުމަކީ ރައީސް މުޙައްމަދު މުޢިއްޒުގެ މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ވިޝަންގެ ބައެއް، މި ވިޝަންގެ މަޤްޞަދަކީ ކޮންމެ ރައްޔިތަކަށްވެސް ޒަމާނީ، އެއްކޮށްލެވިފައިވާ ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުން، އާ ހަރުފަތަކަށް ދެވިއްޖެ'' "މޯލްޑިވްސް 2.0" އިން ބުނެފަވެއެވެ.
"މޯލްޑިވްސް 2.0" އަކީ، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުއެވެ.
އެންސްޕާއިން ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން ވަންގަވް އަށް ތައާރަފުކުރި ހިދުމަތްތައް
- އެކަނިވެރިން މައިން/ބަފައިންނަށް ދެމުން އަންނަ އެލަވަންސް
- ފަގީރު ހާލަތުގަ ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށްދޭ އެހީ
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށްދޭ އެލަވަންސް
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެޕިއުޓިކް ފަރުވާއަށްދޭ އެހީ
- ފޯސްޓަރ ޕޭރެންޓް އެލަވަންސް
މި ޚިދުމަތްތައް ވަންގަވްއަށް ބަދަލުކޮށް އެންސްޕާއިން ބުނީ، ޚިދުމަތް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކޮށް، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް މުހިންމު ބަދަލުތަކެއް ގެނައުމުގެ ޢަޒުމުގައި އެ އޭޖެންސީ އޮތްކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!