ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ގ. ބަރޯސާ، މޫސާ އަންވަރަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ.
މި ޢިއްޒަތް އެރުވީ، ޒުވާނުންގެ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މޫސާ އަންވަރަކީ 40 އަހަރަށްވުރެ ގިނަ ދުވަހު ޞިއްޙީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އައްޑުއަތޮޅު މީދޫއަށް އުފަންވެވަޑައިގަތް މޫސާ އަންވަރު ޞިއްޙީ ދާއިރާއަށް ވަދެވަޑައިގަތީ، އިނގިރޭސީން އައްޑުއަތޮޅު ގަމުގައި ތިބި ދުވަސްވަރު، ގަމުގައި ހުރި ރީޖަނަލް މެޑިކަލް ސެންޓަރުގެ ތަރުޖަމާނެއްގެ ގޮތުގައެވެ. އެ ވަޒީފާގައި ހުންނަވައިގެން ދާއިރާއިން ލިބެންހުރި ތަމްރީންތައް ހޯއްދަވައި، ދަތުގެ ފަރުވާއިން ފެށިގެން އޮޕަރޭޝަން ތިއޭޓަރުގެ މަސައްކަތްތައްވެސް ކުރެއްވިއެވެ. ގަމުގެ ރީޖަނަލް މެޑިކަލް ސެންޓަރުގައި ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، 1975 ވަނަ އަހަރު އާރް.އޭ.އެފް އިން ދެއްވި އޭ.އޯ.ސީ.ގެ ކޮމެންޑޭޝަންވެސް މޫސާ އަންވަރަށް ލިބިވަޑައިގެންފައިވެއެވެ.
އިނގިރޭސީން ގަމުން ފޭބުމާއެކު، 1977 ވަނަ އަހަރު، އޭރުގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ އެދިވަޑައިގަތުމަކަށް މޫސާ އަންވަރު މާލެ ވަޑައިގެން ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަތެވެ. އެމަނިކުފާނު ޚިދުމަތް ފެއްޓެވީ، އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރުގެ ޕްރެކްޓިކަލް ނަރސް ޓީޗަރުކަމުގެ ވަޒީފާ އާއި ސެންޓްރަލް ހޮސްޕިޓަލްގައި ދަތުގެ ފަރުވާ ދެއްވުމުގެ ޚިދުމަތުންނެވެ.
ޞިއްޙީ ދާއިރާއިން އިތުރު ތަޢުލީމު ޙާޞިލުކުރެއްވުމަށް 1979 ވަނަ އަހަރު އިނގިރޭސިވިލާތަށް ވަޑައިގަތުމަށްފަހު، އެނބުރި ވަޑައިގެން މަސައްކަތްކުރެއްވީ އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރުގެ ޓިއުޓަރެއްގެ ގޮތުގައެވެ. އެ ސެންޓަރުގެ އެސިސްޓެންޓް ޑިރެކްޓަރ އަދި ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމުވެސް މޫސާ އަންވަރު ފުރުއްވައި، ޞިއްޙީ ތަމްރީނުތައް ފުޅާކުރުމުގައި އިސްދައުރެއް އަދާކުރެއްވިއެވެ.
އެއަށްފަހު ސަރުކާރުގެ ޞިއްޙީ ވުޒާރާއާ ގުޅިވަޑައިގެން، ރާއްޖޭގެ އަތޮޅުތަކުގައި ރީޖަނަލް ހޮސްޕިޓަލްތައް ބިނާކުރުމަށް ކުރެވުނު މަސައްކަތްތަކުގައި މޫސާ އަންވަރު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. މޫސާ އަންވަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ، ތެލެސީމިއާ ފަރުވާގެ ޚިދުމަތް ރަނގަޅުކުރުމަށާއި، ހޭލުންތެރިކަން އިތުރުކުރުމަށް ނޭޝަނަލް ތެލެސީމިއާ ސެންޓަރުގެ ޅަފަތުގައި ކުރެއްވި އަގުހުރި ޚިދުމަތްތަކެވެ.
މީގެ އިތުރުން، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި، ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ބޭނުންވާ ފަންނީ އެހީތެރިކަންވެސް މޫސާ އަންވަރު ފޯރުކޮށްދެއްވިއެވެ. ސެންޓްރަލް ހޮސްޕިޓަލްގެ ޚިދުމަތްތައް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އަށް ބަދަލުކުރުމުގެ މަރުޙަލާގައި ފަންނީ މުއައްޒަފުން ހޯދުމުގެ މަސައްކަތްވެސް ކުރެއްވިއެވެ.
މޫސާ އަންވަރު އެންމެފަހުން ޚިދުމަތް ކުރެއްވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގައެވެ. އެ އޮތޯރިޓީ ގާއިމުކުރައްވައި، މަސައްކަތްތައް ފުޅާކުރެއްވުމުގައިވެސް މޫސާ އަންވަރު އިސް ދައުރެއް އަދާކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!