ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ވިޔަފާރި އާއި އިޤްތިޞާދު ފުޅާކުރައްވައި، ކުރިއެރުވުމުގެ އެންމެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ، މ. ޝުއާޒް، މުޙައްމަދު ޞާލިޙަށް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) މިއަދު އަރުވައިފިއެވެ.

މުޙައްމަދު ޞާލިޙަށް މި ޝަރަފު އަރުވާފައިވަނީ، މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގައި ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

Ad
rt

މުޙައްމަދު ޞާލިޙަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފާހަގަކޮށްލެވޭ ވިޔަފާރިވެރިއެކެވެ. ޞާލިޙުގެ ޚިދުމަތްތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ފަތުރުވެރިކަން، ރިއަލް އެސްޓޭޓް އަދި ޞިއްޙީ ދާއިރާ ފުޅާކޮށް ތަރައްޤީކުރެއްވުމުގައި އަދާކުރެއްވި މުހިންމު ދައުރު ހިމެނެއެވެ.

ޚާއްޞަކޮށް، ދިވެހި ފަތުރުވެރިކަމުގެ ސިނާޢަތުގެ ޅަފަތުގައި އެ ދާއިރާ ފުޅާކުރެއްވުމަށާއި، ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރެއްވުމަށް ޞާލިޙު ވަނީ އަގުހުރި މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެ އިތުރުން، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފުރަތަމަ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް ޞާލިޙް ވަނީ ފުރުއްވާފައެވެ. އައްޑުއަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރެއްވުމަށްޓަކައި ހެރެތެރެ ރިޒޯޓް ވުޖޫދުކުރެއްވުމުގައިވެސް ޞާލިޙު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ވިޔަފާރީގެ ދާއިރާއިން ޞާލިޙު ވަނީ ރާއްޖެއަށް ގިނަ ޚިދުމަތްތަކެއް ތަޢާރަފުކުރައްވާފައެވެ. އޭގެ ތެރޭގައި އާގުބޯޓުފަހަރު ދުއްވުމާއި، ޔަންމާ އިންޖީނު ރާއްޖެ އެތެރެކޮށް ވިއްކެވުމާއި، ފާނަ އާއި ހުއިފިލަނޑާގެ މަސްވެރިކަން ޓެކްނޮލޮޖީއާ ގުޅުވައިގެން ކުރެއްވުން ހިމެނެއެވެ. އަދި އިންޓަރނެޓުގެ ވިޔަފާރީގެ ޚިދުމަތްތައްވެސް ވަނީ ފާހަގަކުރެވިފައެވެ. ޞާލިޙަކީ ދިވެހި ވިޔަފާރިވެރީންގެ ޖަމުޢިއްޔާގެ ރައީސްގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ޒަމާނީ ވަސީލަތްތަކާއެކު ޞިއްޙީ ފަރުވާދޭ ޕްރައިވެޓް ހޮސްޕިޓަލެއް ކަމަށްވާ މެޑިކާ ހޮސްޕިޓަލަކީވެސް ޞާލިޙުގެ ޚިދުމަތެކެވެ.

މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައިވާ އެހެނިހެން ޝަރަފުތައް

ޞާލިޙު ވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ދައުލަތުގެ ތަފާތު ގިނަ ބޯޑުތަކާއި ކޮމިޓީތަކުގައި ޚިދުމަތްކުރައްވާފައެވެ. އަދި ރާއްޖޭގައި އަލަށް ޤާއިމުކުރި ތައިލެންޑް ކޮންސިއުލޭޓްގެ އޮނަރަރީ ކޮންސުލްގެ މަޤާމުގައި 10 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައިވާއިރު، އެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި ތައިލެންޑްގެ ރަސްގެފާނު އަރުވާ މެޑެލް އޮފް ސިވިލިއަން އޮނަރސް ވަނީ ޞާލިޙަށް އަރުވާފައެވެ.

މީގެ އިތުރުން، 2022 ވަނަ އަހަރު ދައުލަތުން ޞާލިޙަށް ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވާފައެވެ. ފަތުރުވެރިކަމުގެ ސިނާޢަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްވެސް ޞާލިޙަށް ލިބިވަޑައިގެންފައިވެއެވެ. އަދި ސިންގަޕޫރާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރެއްވުމަށްޓަކައި ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޞާލިޙަށް ޚާއްޞަ އެވޯޑެއްވެސް ދެއްވާފައެވެ. މި ހުރިހާ ޝަރަފުތަކަކީ ޞާލިޙު ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި، ވިޔަފާރީގެ ދާއިރާއަށް ކޮށްދެއްވާފައިވާ މުހިންމު ޚިދުމަތްތަކުގެ ހެއްކެކެވެ.