ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި، 'ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026' ރަސްމީކޮށް ނެރެފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި ގައިޑަކީ ދުނިޔޭގެ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ނެރެފައިވާ މުހިންމު ވަސީލަތެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ދުނިޔޭގެ މާކެޓުތަކުގައި އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ގޮތުގައި އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މި ގައިޑު ނެރުމުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް އާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ އަދި އެ ކޯޕަރޭޝަންގެ ޗެއަރޕާސަން ޢަބްދުﷲ ޣިޔާޘް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އައު ޑެސްޓިނޭޝަން ގައިޑުގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެންހުރި މުޅިން އައު ތަޖުރިބާތަކާއި، ފަތުރުވެރިންނަށް ޚާއްޞަ ދަތުރުފަތުރުގެ އިންތިޒާމުތައް ހިމަނާފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ލައިވްބޯޑުތަކުގައި ހުރުމުގެ އެކިއެކި އިންތިޒާމުތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު މި ގައިޑުން ލިބިގެންދާނެއެވެ. މި ގައިޑަކީ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް ފޯރުކޮށްދޭނެ ވަސީލަތެކެވެ.
މި ގައިޑު ނެރުމުގެ މައިގަނޑު މަޤްޞަދަކީ، 2026 ވަނަ އަހަރަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާއި، މުއްސަނދި ސަގާފަތާއި، ލިބެންހުރި ހުރިހާ ޚިދުމަތްތަކެއްގެ މައްޗަށް އަލިއަޅުވާލުމެވެ.
ވިޒިޓް މޯލްޑިވްސް އިން ނެރެފައިވާ މި ޑެސްޓިނޭޝަން ގައިޑަކީ، ދިވެހި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ގައިޑު މެދުވެރިކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޤާބިލުކަން އިތުރަށް ފުޅާކުރެވޭނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!