ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން، ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، އެ ޚިދުމަތްތައް ފެށުމަށް މިއަދު އަންގަވައިފިއެވެ.
މި ނިންމެވުމަކީ ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދު ދިފާޢުކޮށް، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށް އަޅުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ.
ރައީސް މި ޤަރާރު ނެރުއްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ސިފައިންގެ ޤާނޫނުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރާއި އިޚުތިޔާރުގެ ދަށުންނެވެ. މި ޤަރާރުން ވަނީ ދިވެހި ސިފައިންގެ މައްޗަށް އެއަރ ސްޓޭޝަން ޤާއިމުކޮށް، ޚިދުމަތްތައް ފެށުމަށް އަންވަގައި އަމުރުކޮށްފައެވެ.
އެއަރ ސްޓޭޝަން ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހީންގެ ދީނާއި މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުން ހިމެނެއެވެ. ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީ.އީ.ޒެޑް) ބެލެހެއްޓުމާއި، ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުން ހިމެނެއެވެ.
މިގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި ރެޔާއި ދުވާލު ސައުވީސްގަޑިއިރު ހުއްޓުމެއްނެތި ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ވަނީ އަންގަވާފައެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރ އުފެއްދެވީ މިދިޔަ މާރިޗު މަހުގެ 15 ވަނަ ދުވަހުއެވެ.
މި އެއަރ ސްޓޭޝަން ޤާއިމުކުރުމަކީ، އެއަރ ކޯރގެ މަސައްކަތްތައް ފުޅާކޮށް، ޤައުމީ ދިފާޢީ ބާރުގެ ޤާބިލުކަން އިތުރުކުރުމަށް އަޅުއްވާފައިވާ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!