ޅ. ހިންނަވަރުގައި 1200 ސަޕޯޓަރުންގެ ޖާގައިގެ ޒަމާނީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހާރު ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، މިއަދު ހިންނަވަރުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން ހިންނަވަރަށް މުހިންމު ތަރައްޤީތަކެއް ގެނެސްދެމުންދާކަމަށެވެ. އެގޮތުން، މިހާރު ފުޓްސަލް ދަނޑެއްގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށާއި، މިއަދު ބިންގާ އެޅުނު ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރަކީވެސް އެތަން ނިމިގެންދިޔުމުން ހިންނަވަރުގެ ރައްޔިތުންނަށް މުހިންމު ޚިދުމަތްތަކެއް ލިބިގެންދާނެ ތަނެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އައުޓްޑޯ ޖިމްއެއްވެސް ހަދައި ނިމި، ބޭނުންކުރަން ތައްޔާރުވެފައިވާކަން ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، ހިންނަވަރުގައި ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކޮށްދެއްވާނެކަމަށެވެ. މި ސްޕޯޓްސް ކޮމްޕްލެކްސްއަކީ 1200 މީހުންނަށް ކުޅިވަރު ބަލަން ތިބެވޭނެ ޖާގަ ހިމެނޭ، އަދި ހުރިހާ އިންޑޯ ކުޅިވަރެއް ކުޅެވޭނެ އެންމެ ޒަމާނީ ފެންވަރުގެ މަރުކަޒެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، މި އަންނަ އަހަރުގެ ތެރޭގައި ހިންނަވަރުގައި ހިންގާ މަޝްރޫޢުތަކުގެ ތެރޭގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުން ހިމެނިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެރަށުގެ އެކި ދާއިރާތަކަށް ސަރުކާރުން ގެނެސްދެއްވަން ނިންމާފައިވާ ތަރައްގީތައް ވަކިވަކީން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!