ޣައްޒާގައި އިސްރާއީލުން ކުރަމުން އަންނަ ލާއިންސާނީ ހަނގުރާމަ ހުއްޓާލުމަށް މި މަހުވީ އެއްބަސްވުމާއި އިސްރާއީލުން 80 ފަހަރު ޚިލާފްވުމަށްފަހު، ހަމާސުން އެއްބަސްވުމާއި ޚިލާފްވެއްޖެކަމަށް ބުނެ އިސްރާއީލުން ވައިގެ ހަމަލާއެއްދީ 26 ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލައިފިއެވެ.

އަބަދު ވެސް ދޮގުހަދަމުން އަންނަ އިސްރާއީލްގެ މިލިޓަރީން އާދިއްތަ ދުވަހު ބުނެފައިވަނީ، އެ ހަމާލާއަކީ އެ ޤައުމުގެ ދެ ސިފައިން މަރާލުމާ ގުޅިގެން ދިން ރައްދެއްކަމަށެވެ. މި ހަމަލާތަކަށްފަހު، އެހީ ފޯރުކޮށްދިނުން ހުއްޓާލުމަށް އިސްރާއީލުން ނިންމާފައިވަނިކޮށް، އެމެރިކާގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް ކުރިމަތިވި ބައިނަލްއަގްވާމީ ޕްރެޝަރަކާ ގުޅިގެން، ހޯމަ ދުވަހު ޣައްޒާއަށް އެހީ ފޯރުކޮށްދިނުން އަލުން ފަށާނެކަމަށް އިސްރާއީލްގެ ސެކިއުރިޓީ ސޯސްއަކުން ވަނީ ހާމަކޮށްފައެވެ.

Ad
rt

މިކަމާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އޭނާ މެދުވެރިވެގެން ވެވުނު އަހުދުނާމާ އަދިވެސް ދެމިއޮތް ކަމަށެވެ. އަދި ހަމާސްގެ ލީޑަޝިޕް މި އަހުދުނާމާ އާއި ޚިލާފްވުމުގައި ބައިވެރިވެފައި ނުވެދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެކޭގޮތުގައި ލީޑަޝިޕް މިކަމުގައި ބައިވެރިވެފައި ނުވެދާނެ، ކޮންމެ ގޮތެއް ވިޔަސް... މިކަން ބަލާނީ ހަރުކަށިކޮށް، އެކަމަކު ރަނގަޅަށް." އެއަރ ފޯސް ވަން މަތީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

ނަމަވެސް އިސްރާއީލުން ދިން ވައިގެ ހަމަލާތަކަކީ ދިނުން ރަނގަޅު ހަމަލާތަކެއްކަން އޭނާއަށް ނޭނގޭ ކަމަށާއި، އެކަމާ ދޭތެރޭ ފަހުން ޖަވާބުދެއްވާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އިސްރާއީލް މިލިޓަރީން ބުނާ ގޮތުގައި، މިލިޓެންޓުން އެންޓި-ޓޭންކް މިސައިލަކުން އިސްރާއީލް ސިފައިންނަށް ހަމަލާދިނުމުން ދެ ސިފައިން ވަނީ މަރުވެފައެވެ. އަދި އެ ހަމަލާ ހަމާސްގެ ބޮލުގައި އިސްރާއީލުން ވަނީ އަޅުވާފައެވެ.

އެ ތުހުމަތަށްފަހު އިސްރާއީލުން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހުރި ހަމާސްގެ ޓާގެޓްތަކަށްކަމަށް ބުނެ އާންމު ތަންތަން ހިމެނޭހެން އެކިތަންތަނަށް ހަމަލާދީފައެވެ. މި ހަމަލާތަކުގެ ތެރޭގައި ފީލްޑް ކޮމާންޑަރުންނާއި، ހަތިޔާރު އުފުލާ މީހުންނާއި، ޓަނަލްއަކާއި، ހަތިޔާރު ރައްކާކުރާ ތަންތަން ހިމެނޭކަމަށް ވެސް އިސްރާއީލުން ބުނެފަވެއެވެ. މިއީ ޣައްޒާ އަށް ހަމަލާދިނުމަށް އިސްރާއީލުން އަބަދުވެސް ދައްކާ ބަހަނާއެކެވެ.

ޣައްޒާގެ ލޯކަލް ރެސިޑެންޓުންނާއި ހެލްތު އޮތޯރިޓީތަކުން ބުނާ ގޮތުގައި، މި ސްޓްރައިކްތަކުގައި މަދުވެގެން 26 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި އަންހެނަކާއި ކުއްޖަކު ހިމެނެއެވެ. ރެސިޑެންޓުން ބުނާ ގޮތުގައި، ނުސައިރާތު ސަރަހައްދުގައި ހުރި، ގެދޮރު ގެއްލިފައިވާ މީހުން ތިބި ކުރީގެ ސްކޫލަކަށް މަދުވެގެން އެއް ހަމަލާ އަމާޒުކޮށްފައިވެއެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި، އަހުދުނާމާ ފެށުނީއްސުރެ އިސްރާއީލުން ވަނީ މަދުވެގެން 97 ފަލަސްތީނު މީހުން ޝަހީދުކޮށްލައި، 230 މީހުންނަށް އަނިޔާދީ، ހަނގުރާމަ ހުއްޓާލުމުގެ އަހުދުނާމާ އާއި 80 ފަހަރު ޚިލާފްވެފައެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ގައްޒާއަށް ކުރަމުންދާ އަނިޔާވެރި ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 68,159 މީހުން ޝަހީދުވެ، 170,203 މީހުންނަށް އަނިޔާވެފައިވެއެވެ. އޮކްޓޯބަރު 7، 2023 ގައި ދެވުނު ހަމަލާތަކުގައި އިސްރާއީލްގެ 1,139 މީހުން މަރުވެ، 200 އެއްހާ މީހުން ހައްޔަރުކުރިއެވެ.