ށ. ޅައިމަގުގައި އައު ތިން މަޝްރޫޢުއެއް ކުރިއަށް ގެންގޮސްދެއްވާނެކަމަށާއި، އެރަށު ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން މި މަޝްރޫޢުތައް ފަށަން އޮތް ނަމަވެސް، ވިއްސާރަވުމުގެ ސަބަބުން މިކަމަށް އިންތިޒާމްކުރި ރަސްމިއްޔާތުތައް ބޭއްވޭގޮތެއް ނުވިއެވެ.
އެ މަޝްރޫޢުތަކަކީ، ރަށުގެ ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އެޅުމާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމާއި އަދި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އެޅުމެވެ.
މިއަދު ޅައިމަގު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިއަދު ވިއްސާރަވުމުގެ ސަބަބުން މި ރަސްމިއްޔާތުތައް ކުރިއަށް ނުގެންދެވުނުނަމަވެސް އެ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
ޅައިމަގު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ނިމޭއިރު، ވޯޑަށް އެނދު އިތުރުވެ، ލެބޯޓްރީގެ ޚިދުމަތުގެ އިތުރުން 16 ގަޑިއިރަށް ޚިދުމަތް ދިނުމަށް ބޭނުންވާ ކަންކަން ފުރިހަމަވެގެންދާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ.
ރައީސް މުޢިއްޒު ވަނީ ރަށުގެ ތަރައްޤީއަށް ކުރިއަށް ގެންދަވާ ކޮންމެ މަޝްރޫޢެއް ފުރިހަމަކޮށްދެއްވައި، ރައްޔިތުން ބޭނުންވާ މިފަދަ ހުރިހާ ކަމެއް ރަނގަޅަށް ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!