ށ.މިލަންދޫގައި ވެމްކޯގެ ޚިދުމަތް ގާއިމުކޮށް، ޕަބްލިކް ވަރކްސް މަރުކަޒެއްގެ ޚިދުމަތް ވެސް ގާއިމު ކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސްގެ ށ. އަތޮޅު ދަތުރުފުޅުގައި މިލަންދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސަރުކާރުން ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ވަރަށް ބޮޑަށް އިސްކަންދެމުން އަންނަ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ އާބާދީއާއި ޖާގައިގެ ނިސްބަތުން ކުނި މެނޭޖްކުރާ ނުވަތަ ވޭސްޓް މެނޭޖްމަންޓް މަރުކަޒުތައް ދެ އަހަރުގެ ތެރޭގައި ހަދައި، ކުނީގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިގޮތުން، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ގޮތުންނާއި، ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައި ބައެއް ރަށްރަށުގައި ވެމްކޯގެ ޚިދުމަތް ގާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ށ. މިލަންދޫގައި ވެސް ވެމްކޯގެ ޚިދުމަތް ފެށިގެންދާނެ ކަމަށާއި، ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ އިކުއިޕްމަންޓް ގެނައުމާއި، އެނޫން ވެސް ތައްޔާރީތަކަށް ދެ މަސް ދުވަސް ނަގާނެ ކަމަށް ވިދާޅުވިއެވެ. މި އަހަރު ނިމެންވާއިރަށް ކަންކަން ނިންމައި، އަންނަ ޖަނަވަރީ މަހުން ފެށިގެން މިލަންދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޔަޤީންކަން ދެއްވިއެވެ.
ޕަބްލިކް ވަރކްސް މަރުކަޒާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށުގައި ކުރެވޭ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެކަމަށް ކޮންމެ އަހަރެއްގައި ސަރުކާރުގެ ބަޖެޓުން ބޮޑު ޚަރަދެއް ކުރުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި ޕަބްލިކް ވަރކްސް މަރުކަޒުތައް ހެދުމަށް ސަރުކާރުން ނިންމައި، އެ މަސައްކަތް ފަށައިގަނެފައިވާ ކަމަށް ވިދާޅުވިއެވެ.
ށ. އަތޮޅުގައި މިހާރު ފުނަދޫގައި ޕަބްލިކް ވަރކްސް މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ކަމަށާއި، ދެވަނަ ރަށެއްގެ ގޮތުގައި ށ. މިލަންދޫގައި ވެސް ޕަބްލިކް ވަރކްސް މަރުކަޒެއް ހަދައިދެއްވާނެ ކަމަށް ރައީސ މުޢިއްޒު ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ށ.އަތޮޅުގެ ދެވަނަ ރަށެއްގެ ގޮތުގައި މިލަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާފައިވާއިރު، އެރަށު ފޭސް 2 ގެ މަގުތައް ހަދަން އާރުޑީސީ އަށް، 50 ހައުސިން ޔުނިޓް އަޅަން އެޗްޑީސީ އަށް، އެއާޕޯޓް އަޅައި ހިންގަން އެމްއޭސީއެލް އަށް އަދި ފިޓްނަސް ސެންޓަރު އަޅަން ވެސް އެމްއޭސީއެލް އާއި ހަވާލުކޮށްފައިވެއެވެ. އަދި އައު ހޮސްޕިޓަލް އަޅަން ފެށުމާއި، އިސްލާމީ މަރުކަޒުގެ މަސައްކަތާއި، އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!