2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ޞިއްޙީ ދާއިރާއަށް 500 މިލިޔަން ރުފިޔާ، އަދި ތަޢުލީމީ ދާއިރާއަށް 500 މިލިޔަން ރުފިޔާ އެކަށައަޅުއްވާނޭކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ށ.އަތޮޅުގެ ވެރިރަށް ފުނަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ބަޖެޓަކީ ތަޢުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާއަށް މީގެ ކުރިން ނުދޭވަރަށް އިސްކަންދީފައިވާ ބަޖެޓަކަށް ވެގެންދާނެއެވެ. މި ދެ ދާއިރާގެ ތަރައްޤީ ކަށަވަރުކުރެއްވުމަށް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދަވާނޭ އައު މަޝްރޫޢުތަކެއް މި ބަޖެޓުގައި ހިމަނުއްވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިގޮތުން ތަޢުލީމީ ދާއިރާއަށް ބަލާއިރު، އިންކްލޫސިވް އެޑިއުކޭޝަނާއި މަތީ ސާނަވީ ތަޢުލީމު މުޅި ރާއްޖެއަށް ފުޅާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ބޭނުންވާ އިންކްލޫސިވް ކްލާސްރޫމްތައް ހުރިހާ ސްކޫލެއްގައި ޤާއިމުކުރުމާއި، ސްޕެޝަލް އެޑިއުކޭޝަން މުދައްރިސުން ތަމްރީނުކުރުން ހިމެނެއެވެ.
މީގެ އިތުރުން ދަރިވަރުން ބޭނުންވާ ދާއިރާއަކުން މަތީ ސާނަވީ ފެންވަރަށް ކިޔެވޭނޭ ފުރުޞަތު ފަހިކޮށްދެއްވައި، 2026 ވަނަ އަހަރު ވޮކޭޝަނަލް ހައި ސްކޫލެއްވެސް ޤާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާގައި، ރާއްޖެއިން ބޭރަށް ގޮސް ހަދަންޖެހޭ ޓެސްޓުތަކާއި ސަރޖަރީތައް، ރާއްޖޭގައި ހެދޭނޭ މަގުފަހިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ ތެރޭގައި މާލެ އާއި، ސަރަޙައްދީ ހޮސްޕިޓަލުތަކާއި، ވަކި ވަކި ރަށްތަކެއްގައި ޞިއްޙީ ޚިދުމަތް ފުޅާކުރުން ހިމެނެއެވެ. މިކަންކަން ކުރައްވާނީ ޕްރިވެންޓެޓިވް އަދި ކިއުރެޓިވް ހެލްތުކެއަރ އަށް ސަމާލުކަން ދެއްވައިގެންކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!