ނަރުދޫގައި ނަރުދަމާ އެޅުމުގެ މަޝްރޫޢު ނޮވެމްބަރުގައި ބާރަށް ކުރިއަށް ގެންދެވޭނެކަމަށާއި، އެރަށުގައި ހަދާ ބަނދަރު ފުޅާކޮށްދީ އެތަން ތަރައްގީކޮށްދޭނީ ސޭފް ބަނދަރެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު ނަރުދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެންމެ ބޮޑު ދެ މައްސަލައެއްގެ ގޮތުގައި ނަރުދޫ ރައްޔިތުންނަށް ކުރިމަތިވެފައިވަނީ ނަރުދަމާގެ މައްސަލައާއި، ބަނދަރުގެ މައްސަލަ ކަމަށެވެ. އެގޮތުން، މިދެ މައްސަލައަކީ ވެސް ސަރުކާރުން މިހާރު ހައްލުކުރުމަށް މަސައްކަތް ފަށާފައިވާ މައްސަލަތަކެއް ކަމަށް ވިދާޅުވިއެވެ.
ނަރުދަމާގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިހާރު ސަރުކާރުން ފެނަކަ އާ މި މަސައްކަތް ޙަވާލުކޮށްފައިވާ ކަމަށާއި، ފެނަކައިން މަސައްކަތް ރީސްޓާޓް ކުރާނެ ކަމަށެވެ. އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށާއި، ނޮވެމްބަރު މަހުގެ ތެރޭގައި ވަރަށް ބާރު ސްޕީޑްގައި މި މަޝްރޫޢު ހިނގައިގަންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް މަހުން ފެށިގެން ނަރުދޫ ރައްޔިތުންނަށް މި މައްސަލަ ހައްލުކުރުމަށް ރަށުގައި ކުރިއަށްދާ މަސައްކަތްތައް ފެނިގެންދާނެއެވެ. ރަށުގެ ހުރިހާ ރައްޔިތުންނަށް އެންމެ ބޮޑު މައްސަލައަކީ މިއީކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެހެންކަމުން އެކަން އެގޮތަށް ގެންދިއުމަށް މިހާރު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ބަނދަރުގެ މައްސަލައަށް ބަލާއިރު، ބަނދަރުގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިހާރު މިނިސްޓްރީއަށް ބަނދަރު ފުޅާކުރެވޭނެ އެންމެ ބޮޑަކަށް ފުޅާކުރުމުގެ ހުއްދަ ދެވިފައިވާ ކަމަށާއި، ކަމާބެހޭ ވުޒާރާތަކުން ގުޅިގެން ފަންނީ، އިންޖިނިއަރިންގ އަދި ތިމާވެށީގެ ގޮތުން ބަލަންޖެހޭ ހުރިހާ ކަމެއް ބަލައި، ބަނދަރުގެ ޖާގަ އެންމެ ބޮޑަށް ބޮޑުކުރެވޭނެ ގޮތްތައް ހޯދަމުންދާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ނަރުދޫ ބަނދަރުގެ މައްސަލައަށް، ސޭފް ބަނދަރެއް ޤާއިމުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ސަރުކާރުން ކުރާނެ ކަމަށެވެ. މީގައި ޚަރަދަކީ އިޝޫއެއް ނޫންކަމަށާއި، ދިމާވެފައި ވަނީ އެކަމުގެ އިންޖިނިއަރިންގ ސޭފްޓީ އާއި ޓެކްނިކަލީ ބަލަންޖެހޭ ކަންކަން ކަމަށާއި، އެންމެ ފުން އަދި ފުޅާ ބަނދަރެއް ހެދުމުގައި ފަރާއި، ރަށާއި، ބަނދަރަށް ލިބިދާނެ ގެއްލުންތަކަށް ވެސް ވިސްނަންޖެހޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިހާރު މިކަމާބެހޭ ފަންނީ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ދެ ވުޒާރާއިން ގުޅިގެން ކުރައްވަމުންދާ ކަމަށާއި، ކައުންސިލާ ވެސް މުޢާމަލާތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ބަނދަރުގެ މައްސަލަ ޙައްލުކޮށްދިނުމުގައި ސަރުކާރުން ކޮށްދެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި، ވީހާވެސް އަވަހަކަށް އެކަން ޙައްލުވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށެވެ. އެކަމުގައި ބަޖެޓުގެ ތާށިކަމެއް ނާންނާނެ ކަމަށާއި، ޑިޒައިން ފައިނަލްކުރާ ކޮންމެ ގޮތަކަށް ފިނޭންސް މިނިސްޓްރީން ބަޖެޓުގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ޔަގީންކަން ދެއްވިއެވެ.
މީގެ އިތުރުން، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!