ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ ފުޓްބޯޅަ ދުނިޔޭގެ ތާރީޚުގައި ބިލިއަނަރެއްގެ މަޤާމަށް އެރި ފުރަތަމަ ކުޅުންތެރިޔާއަށް ވެއްޖެކަމަށް ބްލޫމްބާގް އިން ރިޕޯޓުކޮށްފިއެވެ.

މާލީ މަޢުލޫމާތާއި މީޑިއާ ކުންފުންޏެއް ކަމަށްވާ ބްލޫމްބާގްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ދުނިޔޭގެ އެންމެ މުއްސަނދި ފަރުދުންގެ ސާފު މުދަލުގެ އަގު ދައްކުވައިދޭ ބްލޫމްބާގް ބިލިއަނަރުންގެ އިންޑެކްސްގައި، މިހާރު 40 އަހަރުގެ، ޕޯޗުގަލް އަދި ސައުދީ އަރަބިއާގެ އަލްނަސްރުގެ ސްޓްރައިކަރު ކްރިސްޓިއާނޯ ރޮނާލްޑޯގެ ސާފު މުދަލުގެ އަގު އަންދާޒާކޮށްފައިވަނީ 1.4 ބިލިއަން ޑޮލަރު (1.04 ބިލިއަން ޕައުންޑް) އަށެވެ. މިއީ ފުޓްބޯޅަ ކުޅުންތެރިއެއް މިފަދަ މަޤާމަކަށް އެރި ފުރަތަމަ ފަހަރެވެ.

Ad
rt

މި އަގުގެ ތެރޭގައި ރޮނާލްޑޯގެ ކެރިއަރުގެ އާމްދަނީ، އިންވެސްޓްމަންޓްތައް، އަދި ބައިނަލްއަޤްވާމީ އެންޑޯސްމަންޓް އެއްބަސްވުންތައް ހިމެނެއެވެ. ބްލޫމްބާގްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2002 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އޭނާގެ މުސާރައިގެ ގޮތުގައި 550 މިލިއަން ޑޮލަރު (410 މިލިއަން ޕައުންޑް) އަށްވުރެ ގިނަ އަދަދެއް އޭނާ އަށް ލިބިފައިވެއެވެ.

ރޮނާލްޑޯގެ އެންމެ ފައިދާ ބޮޑު ޕާޓްނަރޝިޕްތަކުގެ ތެރޭގައި ނައިކީއާއެކު ވެފައިވާ 10 އަހަރުގެ އެއްބަސްވުން ހިމެނެއެވެ. މި އެއްބަސްވުމުގެ ދަށުން އަހަރަކު 18 މިލިއަން ޑޮލަރު (13.4 މިލިއަން ޕައުންޑް) އަށް ގާތްކުރާ އަދަދެއް އޭނާއަށް ލިބެއެވެ.

2022 ގެ ފަހުކޮޅު ރޮނާލްޑޯ ސައުދީ އަރަބިއާގެ ޕްރޯ ލީގުގެ އަލްނަސްރާ ގުޅުނު އިރު، އޭނާއަކީ ފުޓްބޯޅަ ތާރީޚުގައި އެންމެ މަތީ މުސާރަ ލިބޭ ކުޅުންތެރިޔާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ. އެގޮތުން އޭނާ އަށް އަހަރަކު 177 މިލިއަން ޕައުންޑް (220 މިލިއަން ޑޮލަރު) ގެ މުސާރައެއް ލިބެއެވެ. އަސްލު 2025 ގެ ޖޫންގައި ހަމަވާގޮތަށް އޮތް އޭނާގެ އެއްބަސްވުން އިތުރު ދެ އަހަރަށް އިތުރުކޮށްފައިވާއިރު، މި އިތުރުކުރުމުގެ އަގަކީ 400 މިލިއަން ޑޮލަރު (298 މިލިއަން ޕައުންޑް) އަށްވުރެ ގިނައެވެ. މިގޮތުން އޭނާގެ އުމުރު 42 އަހަރަށްވުރެ މަތިވަންދެން އެ ކްލަބުގައި ހުންނާނެއެވެ.

ބްލޫމްބާގްގެ ތަޙްލީލުން ދައްކާގޮތުގައި ރޮނާލްޑޯގެ ޖުމްލަ އާމްދަނީ އަދި ވިޔަފާރީގެ ޕޯޓްފޯލިއޯ – ފެޝަން، ފިޓްނަސް، ހޮޓާތައް، އަދި ޢިޠުރުތައް ހިމެނޭގޮތަށް – އޭނާ ބިލިއަނަރެއްގެ މަޤާމަށް ގެންގޮސްފައިވެއެވެ. މިއީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ފަރާތުން ފުރަތަމަ ފަހަރަށް ފެނިގެންދާ ކަމެކެވެ.

މި ރިޕޯޓުގައި އާޖެންޓީނާ އަދި އިންޓަރ މައިއާމީގެ ތަރި ލިއޮނެލް މެސީއާ އަޅާކިޔާފައިވެއެވެ. މެސީ އޭނާގެ ކެރިއަރުގައި ޓެކްސް ކެނޑުމުގެ ކުރިން 600 މިލިއަން ޑޮލަރު (447 މިލިއަން ޕައުންޑް) އަށްވުރެ ގިނަ އަދަދެއް މުސާރައިގެ ގޮތުގައި ހޯދާފައިވާ ކަމަށް ބުނެފައިވެއެވެ. މީގެ ތެރޭގައި 2023 އިން ފެށިގެން އަހަރަކު 20 މިލިއަން ޑޮލަރު (15 މިލިއަން ޕައުންޑް) ހިމެނެއެވެ. މިއީ ހަމަ އެ މުއްދަތުގައި ރޮނާލްޑޯގެ އާމްދަނީގެ ގާތްގަނޑަކަށް 10 އިންސައްތައެވެ. މީގެ އިތުރުން، 38 އަހަރުގެ މެސީ އޭނާގެ ރިޓަޔަރމަންޓް އެއްބަސްވުމުގެ ބައެއްގެ ގޮތުގައި އިންޓަރ މައިއާމީގެ ހިއްސާއެއް ލިބޭނެ ކަމަށްވެސް ބްލޫމްބާގްއިން ފާހަގަކޮށްފައިވެއެވެ.