އއ. ފޮފަޅަގައު ފަޅަކީ، އެ އަތޮޅު ކުނބުރުދޫ ގެ ބައެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

މި ނިންމެވުމަކީ ކުނބުރުދޫގެ ރައްޔިތުންގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މަގުފަހިކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ.

Ad
rt

ކުނބުރުދޫގައި ހުރި ބިމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް، އެ ރަށުގެ ރައްޔިތުން ވަނީ ފޮފަޅަގައު ފަޅު ހޯދުމަށް ހުށަހަޅާފައެވެ.

މި ހުށަހެޅުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކުރުމަށާއި، ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށެވެ.

މި ނިންމެވުމާ ގުޅިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، 2025 ފެބުރުވަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2025/2 އަށް އިޞްލާޙު ގެންނަވައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކޮށްފައެވެ.

މި ބަދަލާއެކު، ކުނބުރުދޫގެ ރައްޔިތުންނަށް އިތުރު ވަސީލަތްތަކާއި ފުރުޞަތުތައް ލިބި، ރަށުގެ ތަރައްޤީއަށް އައު މަގުތަކެއް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.