ޣައްޒާގައި މިވަގުތު ކުރިމަތިވެފައިވާ ނާޒުކު ހާލަތަކީ އަރަބި ދުނިޔެއިން ދައްކާފައިވާ އިންތިހާއަށް ދެރަ އަދި ނާކާމިޔާބު މަންޒަރެއް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބުނެފިއެވެ.
ހަމާސް އިން މިފަދައިން ބުނެފައި ވަނީ އޮކްޓޯބަރު 7 ގެ ހަމަލާގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން ހަމާސްއިން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ޢަރަބި ދުނިޔެއަށް ފާޑުކިޔައި ހަމާސުން ބުނީ، ޣައްޒާގައި މިވަގުތު ކުރިމަތިވެފައިވާ ނާޒުކު ހާލަތަކީ އަރަބި ދުނިޔެއިން ދައްކާފައިވާ އިންތިހާއަށް ދެރަ އަދި ނާކާމިޔާބު މަންޒަރެއްގެ ނަތީޖާ ކަމަށެވެ. މި ބަޔާނުގައި އަރަބި ޤައުމުތަކުގެ އަމަލުތަކާއި ޣައްޒާގެ ހަނގުރާމައާ ދޭތެރޭ ވަރަށް ހަރުކަށި އިބާރާތުން ފާޑުކިޔާފައިވެއެވެ.
ހަމާސްގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ސިޔާސީ އަދި އަސްކަރީ މައިދާނަށް ވަނީ އެތައް ބަދަލުތަކެއް އައިސްފައެވެ. އަދި މި ހަނގުރާމައިގެ އަސަރުތައް އަދިވެސް ސިޔާސީ ގޮތުން ދަނީ ފެންނަމުންނެވެ.
އިސްރާއީލުން ރައްކާތެރިކަމެއް ނެތް އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ކުށްވެރިކުރަމުން، މިކަން ހިނގަމުންދަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ‘’ލަދުހަޔާތްކުޑަ’’ ހަނުހުރުމާއި އެއްބާރުލުމާއެކު ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް، މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް ފަލަސްތީނު ރައްޔިތުންގެ ކެރުންތެރިކަމާއި ނުބެދި ތިބުން ހަމާސްއިން ވަނީ ފާހަގަކޮށްފައެވެ.
ދެ އަހަރު ފާއިތުވެގެން ދިޔަ ނަމަވެސް، ފަލަސްތީނު ރައްޔިތުން އަދިވެސް ތިބީ އެމީހުންގެ ވަޒަނުގައި ވަރުގަދައަށް ހިފަހައްޓައިގެންކަން ބަޔާނުގައި ފާހަގަކޮށްފައިވާއިރު، ބަޔާން ނިންމާލަމުން ފާހަގަކޮށްފައިވަނީ، ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމަށް ކުރާ ލޯތްބާއި، އެބިމަށްޓަކައި ޤުރުބާންވުމުގެ ރޫހު އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ. އަދި އެމީހުން ނައްތާލުމަށާއި މަޖުބޫރުން ތަން ދޫކުރުވުމުގެ ރޭވުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެމީހުންގެ ޝަރުޢީ ޙައްޤުތަކުގައި ހިފަހައްޓާނެކަން ކަށަވަރުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!