އދ.ދިއްދޫ ބަނދަރުގެ ނެރުފައިކަށި ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ ނޮވެންބަރު މަހު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާއި ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާކުރަށްވަމުންނެވެ.

Ad
rt

މި ބައްދަލުވުމުގައި ރަށު ކައުންސިލާއި ރައްޔިތުން ވަނީ ބަނދަރުގެ ނެރުފައިކަށި މިހާރު ހުރި ތަނުގެ ސަބަބުން ހުޅަނގު މޫސުމުގައި ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކާއި އުނދަގޫތައް ހިއްސާކޮށްފައެވެ. މީގެ އިތުރުން ރަށުގެ ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢާ ބެހޭ ގޮތުންވެސް ރައްޔިތުން ވަނީ މަޢުލޫމާތު ހިއްސާކޮށްފައެވެ.

ރައްޔިތުންގެ ވާހަކަތައް އަތައް އަޑުއައްސަވައި، ކަންބޮޑުވުންތަކާއި ޚިޔާލުތަކަށް ރިޢާޔަތްކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގިނަ ދުވަސްވެފައިވާ ބަނދަރުގެ ނެރުފައިކަށީގެ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން، ނޮވެންބަރު މަހު މަސައްކަތް ފެށޭނެކަމަށެވެ. އަދި އެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންކަން އަޑުއައްސަވައި، ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި، ރައީސް ވަނީ ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.