ލާމަރުކަޒީ ޤާނޫނަށް ގެނައި 16 ވަނަ އިސްލާހާއެކު ކުޅުދުއްފުށި ސިޓީގައި ތަރައްޤީކުރާ ޔޫތު މެންޓަލް ހެލްތް ސެންޓަރުގައި މަސައްކަތްކުރާނެ މުވައްޒަފުން ނެގުމަށް ހުރަސް އެޅިފައިވާތީ ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ކުޅުދުުއްފުށި ސިޓީ ކައުންސިލުން، ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާާއި ނަފްސާނީ މައްސަލަތައް ތަހަންމަލް ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުސަދުގައި، އެ ސިޓީގެ ނޮލެޖް ސެންޓަރގައި ޔޫތު މެންޓަލް ހެލްތް ސެންޓަރެއް ތަރައްޤީކުރުމުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތް މިހާރު ވަނީ ނިމެންކައިރިވެފައެވެ.
އެގޮތުން ކުޅުދުއްފުށީގައި މިހާރު ހިނގަމުންދާ މަޝްރޫޢުގެ މަސައްކަތްތައް ބެލުމަށް ސިޓީ ކައުންސިލުން ޔޫތު މެންޓަލް ހެލްތް ސެންޓަރަށް މިއަދު ކުރި ޒިޔާރާތުގައި، ކުޅުދުއްފުށި ސިޓީގެ މޭޔަރ ޢާޠިފް ވަނީ މި ސެންޓަރ ގެ ޚިދުމަތް ރައްޔިތުންނަށް ފުރިހަމައަށް ދިނުމަށް ހުރި ގޮންޖެހުންތައް ޙިއްސާކޮށްފައެވެ.
މި މަޝްރޫޢުގެ މަސައްކަތާއި ގުޅިގެން މޭޔަރ ޢާޠިފް "ތިލަދުން" އަށް ވިދާޅުވެފައިވަނީ، ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހާއެކު ރައްޔިތުންނާއި ގުޅުންހުރި މިފަދަ އެތައް ޚިދުމަތް ތަކަކަށް ބުރޫ އަރައި، އެ ތަންތަނަށް މުވައްޒަފުން ނެގުމަށް ހުރަސް އެޅިފައި އޮތުމުން ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ.
މި ދަތިތަކުގެ ތެރެއިން، ސިޓީ ކައުންސިލުގެ އޮންލައިން ޕޯޓަލް އާއެކު މިހާރު އުފައްދަން މަސައްކަތްކުރާ ކޮންޓެކްޓް ސެންޓަރ އަށް މުވައްޒަފުން ނެގެން ނެތުމުގެ ސަބަބުން އެ މަސައްކަތް ހުއްޓިފައިވާކަމަށް މޭޔަރ ފާހަގަކުރައްވާފައިވެއެވެ.
މޭޔަރ އިތުރަށް ވިދާޅުވެފައިވަނީ، ކުޅުދުއްފުށީގެ ޕާކުތަކުގައާއި، ގްރީން ޒޯން ތަކުގައި ގަސް އިންދާ ބެލެހެއްޓުމަށް ނަގަން ބޭނުންވާ މުވައްޒަފުންނާއި، އިދާރީ މަސައްކަތްތައް ފުޅާކުރުމަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތްވެސް މި އިސްލާހުގެ ސަބަބުން ހުއްޓިފައިވާކަމަށެވެ.
ކުޅުދުއްފުށީ ނޮލެޖް ސެންޓަރ އިމާރާތުގައި ތަރައްޤީކުރާ މި މެންޓަލް ހެލްތް ސެންޓަރަކީ، ރިނޮވޭޝަންއާއެކު 2 ކޮންސަލްޓޭޝަން ރޫމް، ފާހަނަ އަދި ލޮބީ އޭރިއާ ހިމެނޭހެން ތަރައްޤީކުރާ ޒަމާނީ ސެންޓަރެކެވެ.
ކުޅުދުއްފުށީ ރައްޔިތުން އެދުމާއެކު މި ސެންޓަރުގެ ޚިދުމަތް އަވަހަށް ފެށުމަށް މިތަން ތަރައްގީކުރުމަށް ސިޓީ ކައުންސިލުން އަންނަނީ ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންނެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނައި 16 ވަނަ އިސްލާހްގެ ދަށުން ކައުންސިލްތަކުގެ ފަހު އަހަރު ކައުންސިލްގެ އިދާރާތަކަށް މުވައްޒަފުން ނެގުމަށް މާލީ ވުޒާރާ އާއި އެލްޖީއޭގެ ހުއްދަ ހޯދަން ޖެހެއެވެ. އެ ކަމަކު އެ ހުއްދަ ނަގަން ޖެހޭނީ ހިނގަމުން އަންނަ ކައުންސިލްތަކުގެ ދައުރު ހަމަވާން އެއް އަހަރު ގުނަން ފަށާ ހިސާބުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!