އދ. ދަނގެތީގެ ބަނދަރާއި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށް ބޮޑު އިސްކަމެއް ދެއްވައިގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އދ. ދަނގެއްޗަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ، ބަނދަރާއި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަކީ ގުޅިލާމެހިފައިވާ ތިން ކަންތައް ކަމަށާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން މި ތިން މަސައްކަތް ކުރިއަށްގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި މިއީ ރަށުގެ ތަރައްޤީއަށްޓަކައި ވަރަށް ބޮޑަށް ހައްލުކުރަން ޖެހިފައިވާ ތިން މައްސަލަ ކަމަށާއި، މި މަޝްރޫޢުތައް ކުރިއަށް ގެންދަވާނީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، މިއަދު ސޮއިކުރެވުނު ދަނގެތީ ސްކޫލުގެ 10 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢު ނިމިގެންދިއުމުން ދަރިވަރުންނާއި ބެލެނިވެރިންނަށް އަދި މުޅި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތް ނިމުމުގެ ކުރިންވެސް، ސްކޫލުގެ ކުލާސްރޫމްތަކާއި، މިހާރު ބޭނުންކުރަމުންދާ ހޯލާއި އެނޫންވެސް މުހިންމު ތަންތަން ފިނިކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ބިން ހަމަޖެހިގެން ދިއުމާއެކު ހެލްތު ސެންޓަރުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމް ފުޅާވެފައިވާ ރަށެއް ކަމަށް ފާހަގަކުރައްވައި، 2026 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، ޑޮލަރު އޭ.ޓީ.އެމްގެ ޚިދުމަތްވެސް ރަށުގައި ތަޢާރަފުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އދ. ދަނގެތީގައި ޒަމާނީ ފުޓުބޯޅަ ދަނޑެއްވެސް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް އިޢުލާންކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގެ ތެރޭގައި އދ. ދަނގެތީގައި އިތުރު މުހިންމު މަޝްރޫޢުތަކެއްގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މިގޮތުން، އދ. ދަނގެތީ ފުލުހުންގެ މަރުކަޒު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމާއި، ކައުންސިލް އިދާރާ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމުގެ އިތުރުން، އދ. ދަނގެތީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް ވަނީ އަޅާފައެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޝްރޫޢުތައް ބައްލަވައި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބޭނުންތައް އަޑުއައްސަވައި، ސަރުކާރުގެ ސިޔާސަތުތަކާއި ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ.