ހދ. މަކުނުދޫގައި އެއްގަމު ލައިސަންސް ޓްރެކް އެޅުމަށް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފިއެވެ.

މިގޮތުން މި މަޝްރޫޢުގެ މަސައްކަތް މަކުނުދޫ ކައުންސިލުން ހަވާލުކޮށްފައިވަނީ އެމް.އޭ.ސީ.ސީ އިންވެސްޓްމެންޓް އާއެވެ.

Ad
rt

މި މަޝްރޫޢު ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމަށް މައުކުނުދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި، މަކުނުދޫ ކައުންސިލުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކައުންސިލްގެ ރައީސް އައުޒަމް އާދަމް އެވެ. އަދި މި އެއްބަސްވުމުގައި އެމްއޭސީސީގެ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ އިންވެސްޓްމަންޓްގެ ވެރިޔާ މުޙައްމަދު ހުސެއިން އެވެ.

މަކުނުދޫގައި ޤާއިމްކުރާ އެއްގަމު ލައިސަންސް ޓްރެކް އާއި ގުޅޭގޮތުން ކައުންސިލްގެ ރައީސް އައުޒަމް އާދަމް "ތިލަދުން" އަށް ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން މަކުނުދޫ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބޭނެކަމަށެވެ.

އެގޮތުން، އެއްގަމު އުޅަންދުގެ ލައިސަންސް ނެގުމަށް ހަދާ ޕްރެކްޓިކަލް ޓެސްޓް ހަދަން ދަތުރުކުރަން ނުޖެހުމާއި، އެކަމަށް ރައްޔިތުންގެ އަތުން ދާ ޙަރަދުވެސް ސަލާމަތްވާނެކަމަށެވެ. އަދި ލައިސަންސް ޓްރެކް އެޅުމުން މަގުމަތީގެ ޤަވާއިދުތަކާ އިސްކަމެއްދިނުމުގެ ގޮތުން ކޮށާ މި ދެވުނީ ވަރަށް މުހިންމު މަގެއް ކަމަށް ރައީސް ފާހަގަކޮށްފައިވެއެވެ.

ކައުންސިލްގެ ރައީސް އައުޒަމް އިތުރަށް ވިދާޅުވީ، މި ލައިސަންސް ޓްރެކް އަކީ ރައްޔިތުންގެ ރައްކާތެރިކަމަށް މަކުނުދޫ ކައުންސިލުގެ މި ދައުރުގައި ކޮށްދެވޭ މުހިންމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.