ރާއްޖޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް އަމާޒުކޮށް، ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
މި މަޝްރޫޢަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިންގ މާކެޓެއް އުފެއްދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން، އިމާރާތްކުރާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ދިނުމާއެކު، އެ ފަރާތްތަކުގެ އަމިއްލަ ޚަރަދުގައި އަތްފޯރާފަށުގެ ބޯހިޔާވަހިކަމުގެ ޔުނިޓްތައް ތަރައްޤީކުރުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. އަދި މިގޮތަށް ތަރައްޤީކުރާ ބޯހިޔާވަހިކަމުގެ ޔުނިޓުތައް ގަންނަ ފަރާތްތަކަށް ބޭންކް ފައިނޭންސް ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި، އެންޑް-ޔޫސަރ ފައިނޭންސްގެ ޚާއްޞަ މޯގޭޖް ސްކީމެއް ބޭންކްތަކާ މަޝްވަރާކޮށްގެން ތަޢާރަފްކުރެވޭނެއެވެ.
މީގެއިތުރުން، މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ބޯހިޔާވަހިކަމުގެ ޔުނިޓުތައް ތަރައްޤީކޮށް، ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ ނިންމާފައެވެ. އަދި ޑިވެލޮޕަރުންގެ އަތުން ސަރުކާރުން ބައެއް ޔުނިޓުތައް ގަނެ، އެ ޔުނިޓުތަކަކީ ކަނޑައެޅޭ ވަކި ޝަރުޠުތަކެއް ފުރިހަމަވާ ފަރާތްތަކަށް ފޯރުކޮށްދޭ ޔުނިޓުތަކެއް ކަމުގައި ކަނޑައެޅުމަށްވެސް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ކަންކަން ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ ބާރުވެރިކަން ހޯދުމަށް، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް، މި މަޝްރޫޢާ ގުޅޭ ކަންކަން އިތުރުކުރައްވައިގެން ކުރިއަށް ގެންދެވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ގިނަ ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދާއިރާއަށް އައު ކުރިއެރުންތަކެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެއް ކަމަށްވެސް ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!