ކުޅިވަރު ކުރިއެރުވުމުގައި ރާއްޖޭގެ ފުޓުބޯޅައަށް ޚާއްޞަ އަހައްމިޔަތުކަމެއް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

މި ޔަގީންކަން އެމަނިކުފާނު ދެއްވާފައިވަނީ މިއަދު ހަވީރު ސިޓްރަން ރެސްޓޯރަންޓްގައި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމާއެކު ބޭއްވި ޚާއްޞަ ސައިފޮދެއްގައި ބައިވެރިވެވަޑައިގެން، ޓީމުގެ ކުޅުންތެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވަނީ ފުޓުބޯޅައަކީ ހުރިހާ ދިވެހިން އަދި ޚުދު އެމަނިކުފާނުވެސް އެންމެ ޝައުޤުވެރިވެވަޑައިގަންނަވާ އަދި ބައްލަވާހިތްޕުޅުވާ ކުޅިވަރުކަމުގައި ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ފުޓުބޯޅަ ކުރިއެރުވުމަށް ބޭނުންވާ ކޮންމެ ކަމެއްގައި، ކުޅުންތެރިންނަށް ސަރުކާރުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަންވެސް ދެއްވާފައިވެއެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ މިހާރުވެސް ރާއްޖޭގެ ރަށްރަށުގައި ފުޓުބޯޅަ ތަރައްޤީކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުޅިވަރާއި ހަށިހެޔޮކަމަށް ބޭނުންވާ ވަޞީލަތްތަކާއި ބިނާތައް ތަރައްޤީކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ޚާއްޞަކޮށް، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުން ސައުތު އޭޝިއަން ސުޕަރ ކަޕް 2025 ކާމިޔާބުކުރިކަން ފާހަގަކުރައްވައި، ކުރިއަށްއޮތް ތަނުގައިވެސް ރާއްޖެއަށް ރީތި ނަން ހޯއްދަވައިދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ. އަދި ޤައުމީ ޓީމު ކުރަމުން އަންނަ މަސައްކަތަށް ހިތްވަރުދެއްވައި، އަބަދުވެސް ޤައުމީ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

މި ބައްދަލުވުމުގައި ރައީސްގެ އިތުރުން، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބުދުﷲ ރާފިޢު، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހީމް ވަޙީދު އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ރައީސް އަޙްމަދު ތާރިޤް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.