ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ބައެއްގެ ނުފޫޒު ފޯރުވުމާ ދެކޮޅު ޗައިނާގެ ސިޔާސަތަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.
މިކަން އެމަނިކުފާނު ހާމަކުރެއްވީ ޗައިނާގެ 76 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއަށާއި، ބޮޑުވަޒީރު ލީ ޗާންގްއަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައެވެ.
މި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސްގެ އަމިއްލަ ނަންފުޅުގައި، ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
ރައީސް މުޢިއްޒު، ރައީސް ޝީއަށް ފޮނުއްވި ސިޓީފުޅުގައި، ދިވެހިރާއްޖެއިން "ވަން-ޗައިނާ ޕޮލިސީ" އަށާއި، އިސްތިޤުލާލީ ހަމަހަމަކަމާއި، ސަރަޙައްދީ އިތުބާރު ދެމެހެއްޓުމާއި، ދާޚިލީ ކަންކަމަށް ނުފޫޒު ނުފޯރުވުމުގެ ސިޔާސަތަށް ފުރިހަމަ ތާއީދު އޮތްކަން ތަކުރާރުކުރެއްވިއެވެ.
ހަމައެހެންމެ، އެމަނިކުފާނު ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި އެއްބަސްވުންތަކުގެ ސަބަބުން، ދެ ޤައުމުގެ މެދުގައި އޮތް އިސްތިރާޖީ ގުޅުން އިތުރަށް ވަރުގަދަވެގެން ހިނގައްޖެކަން ވެސް ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ކުޑަ ޤައުމެއްނަމަވެސް ބާކީ ނުވާނޭހެން ޗައިނާއިންދޭ އެއްބާރުލުމަށް ރައީސްގެ ތައުރީފް
ބޮޑުވަޒީރު ލީ ޗާންގްއަށް ފޮނުއްވި ސިޓީފުޅުގައި، ޗައިނާގެ ޤައުމީ ދުވަހަކީ އެ ޤައުމުގެ ތަރައްޤީގެ ދަތުރު ރަމްޒުކޮށްދޭ ދުވަހެއްކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މީގެ އިތުރުން، ޗައިނާގެ 76 ވަނަ ޤައުމީ ދުވަހާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ރޭ ބޭއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް ބާކީ ނުވާނޭ ފަދަ ދުނިޔެއެއް ބައްޓަންކުރުމަށް ދިވެހިރާއްޖެއާއެކު ޗައިނާއިން ކުރާ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޗައިނާއަކީ ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަމާއި ހަމަހަމަކަމާ މެދު ބައިނަލްއަޤުވާމީ މައިދާނުގައި އަޑުއުފުލުމުގައި ދިވެހިރާއްޖެއާއި މި ނޫންވެސް ކުދި ޖަޒީރާ ޤައުމުތަކާއެކު މަސައްކަތްކުރާ، ސާބިތު ބައިވެރިއެކެވެ.
ރައީސް ވަނީ ގިނަ ޤައުމުތަކުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުން ނުވަތަ މަލްޓިލޭޓަރަލިޒަމަށް ޗައިނާއިން ދޭ އަހުމިއްޔަތުކަމާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްޤުގައި ޗައިނާއިން އަދާކުރާ ދައުރު ފާހަގަކުރައްވާފައެވެ. އަދި ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް ބާކީ ނުވާނޭ ފަދަ ދުނިޔެއެއް ބައްޓަންކުރުމަށް ދިވެހިރާއްޖެއާއެކު ޗައިނާއިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!