ބޮގޮޓާ، 1 އޮކްޓޯބަރު 2025: ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިލާ (ޖީއެސްއެފް)އަށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފުވުމެއް ކަމަށާއި، އެއީ އިންސާނިއްޔަތާ ޚިލާފު ބޮޑު ކުށެއްކަމަށް ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯ ވިދާޅުވެއްޖެއެވެ.
މިކަން އޭނާ ހާމަކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯ ވަނީ، ޣައްޒާ ސުމޫދު ފްލޮޓިލާގައި ހަރަކާތްތެރިވާ ސަތޭކަޔަށް ވުރެ ގިނަ ފަޅުވެރިންގެ ފުރާނައަށާއި އިއްޒަތްތެރިކަމަށް "މުޅިން އިހުތިރާމްކުރުމަށް" ގޮވާލައްވައި އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ.
"މި އާންމު، އިންސާނީ އަދި ހަމަޖެމުގެ މިޝަނަށް ހަމަލާއެއް ދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފުވުމެއް ކަމުގައިވާނެ، އެއީ އިންސާނިއްޔަތާ ޚިލާފު ބޮޑު ކުށެއް ކަމުގައިވެސް ވާނެ" ކޮލަމްބިއާގެ ރައީސް ވިދާޅުވެފަވެއެވެ.
އެ ފްލޮޓިލާގައި ކޮލަމްބިއާގެ ދެ ރައްޔިތުން ކަމަށްވާ މަނުއޭލާ ބެޑޯޔާ އާއި ލޫނާ ބަރެޓޯ ހިމެނޭކަން ފާހަގަކުރައްވައި ރައީސް ޕެޓްރޯ ވަނީ އިޒްރޭލުން ހުއްޓުވުމުގެ ފުރުސަތު އޮތުމުން، ހުރިހާ ފަޅުވެރިންވެސް ލައިފް ޖެކެޓް އަޅައިގެން ތިބިކަން ފާހަގަކުރަށްވާފައެވެ.
ދަ ގްލޯބަލް ސުމޫދު ފްލޮޓިލާއިން ބުނާ ގޮތުގައި، އެ ފްލީޓް މިހާރު ދަތުރުކުރަމުން އަންނަނީ ޣައްޒާއާ 150 ނޯޓިކަލް މޭލު (278 ކިލޯމީޓަރު) ދުރުގައިވާ "އެންމެ ނުރައްކާތެރި ސަރަޙައްދު"އަށެވެ. މީގެ ކުރިންވެސް މިފަދަ ފްލޮޓިލާތަކަށް އިޒްރޭލުގެ ސިފައިން ހަމަލާދީ ނުވަތަ މަގުމަތިން ހުއްޓުވާފައިވަނީ މި ސަރަޙައްދުގައެވެ.
އ.ދ.ގެ ޚާއްސަ ރެޕޯޓަރ ފްރާންސެސްކާ އަލްބަނީޒް އާއި ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯ ވަނީ، މި ފްލޮޓިލާ އަށް އެއްވެސް އަނިޔާއެއް ނުލިބި ދަތުރުކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލައްވާފައެވެ. ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި އެއްވެސް ބިރަކާ ނުލައި ދަތުރުކުރުން ކަށަވަރުކުރުމަށްޓަކައި، ސްޕެއިން އަދި އިޓަލީގެ ބޯޓުފަހަރުވެސް ވަނީ މި ފްލޮޓިލާއާއެކު ދަތުރުކުރަން ފަށާފައެވެ. މީގެ އިތުރުން، އެއްވެސް ހަމަލާއެއް ދިނުމުގެ ކުރިން އެކަން ދެނެގަތުމުގެ ގޮތުން، ތުރުކީގެ ޑްރޯންތައް ވަނީ މަތިން ދަތުރުކުރަން ފަށާފައެވެ.
ބޯޓުފަހަރު ޣައްޒާއާ ކައިރިވަމުން އަންނައިރު، ފްލޮޓިލާގައި ތިބި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސުމޫދު ފްލޮޓިލާއިން ވަނީ ވަގުތީ ވީޑިއޯތައް އާންމުކޮށްފައެވެ.
މި ދަތުރު ހުއްޓުވާނެ ކަމަށް އިޒްރޭލުން ވަނީ ހުވާކޮށްފައެވެ. އެމީހުން ދައުވާކުރަނީ، މި ވޮލަންޓިއަރުން މަސައްކަތްކުރަނީ "ޤާނޫނީ ސިފައިންގެ ބްލޮކޭޑެއް ފޫދުއްވައިލުމަށް" ކަމަށެވެ. ނަމަވެސް، އިންސާނީ އެހީ ފޯރުކުރުމަށް ބައިނަލްއަޤްވާމީ ޤާނޫނުގައި ހުއްދަ ދެނީ ކޮން ގޮތަކަށްކަން ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!