ކުރިއަށް އޮތް މަޖިލިސް ދައުރުގައި ހުށަހަޅުއްވާ އެސެޓް ރިކަވަރީ ބިލު ޤާނޫނަކަށް ވުމާއެކު، މީގެ ކުރިން ބޮޑެތި ވައްކަންތައް ކޮށްފައިވާ ފަރާތްތަކުގެ ފަހަތުން ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެފައެވެ.

ކޮޅުމަޑުލު ތިމަރަފުށީގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ބިލުގެ މަސައްކަތް ނިންމައި ފާސްކޮށް، ތަސްދީޤުކުރުމަށް މަޖިލީހުން ފޮނުއްވާ ދުވަހުން ފެށިގެން އެ ބިލު ތަސްދީޤުކުރައްވާނެ ކަމަށެވެ.

Ad
rt

ރައީސް ފާހަގަކުރެއްވި ގޮތުގައި، އެސެޓް ރިކަވަރީ ބިލެއް ހުށަހެޅުއްވުމުގެ މައިގަނޑު މަޤްޞަދަކީ، ކުރިން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކުގެ އަތުން ބަދަލު ނުނެގޭ ގޮތް ބަދަލުކުރެއްވުމެވެ.

ކޮރަޕްޝަން ނައްތާލުމަށް އެމަނިކުފާނުގެ ސަރުކާރު ވަރަށް ވަރުގަދައަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، "މޯލްޑިވްސް 2.0 ޑިޖިޓައިޒޭޝަން" މަޝްރޫޢަކީ ވެސް ކޮރަޕްޝަން ނައްތާލުމަށް ވެރިކަމުގެ ނިޒާމަށް ގެންނަ ބޮޑު ބަދަލެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވަނީ ޖުޑިޝަރީއާއި މިނިވަން މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަޤީންކަން ދެއްވައި، އެތަންތަނުގެ ޒިންމާތައް އަދާކުރުމަށް މަގުފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިދާރާތަކުގެ މަސައްކަތްތަކުގެ ދުވެލި ހަލުވިކުރެއްވުމަށް އެންޓިކޮރަޕްޝަން ކޮމިޝަނާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ދަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަނުން ދައުލަތުގެ މާލިއްޔާގެ 2.2 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާ ކަން ހާމަވެފައިވާ ދަނޑިވަޅެއްގައި އެކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މިއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި، މިކަމުގައި ފުލުހުން ކުރަންޖެހޭ ކަންކަން ފަށާފައިވާ ކަމަށެވެ.

ކޮރަޕްޝަން ނައްތާލުމަށް ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށާއި، އެކަމުގައި ވަކި މީހަކަށް ނުބައްލަވައި، އެންމެ ޢަދުލުވެރި ގޮތަށް ޢަމަލުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.